ނ. ވެލިދޫގައި ޤާއިމްކުރެވޭ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަރާމާތުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
އާރްޑީސީން މީޑިއާތަކާއި ހިއްސާކުރި މައުލޫމާތުގައި ބުނީ، ނ. ވެލިދޫގައި ޤާއިމްކުރެވޭ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރު މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރެވެމުންދަނީ ފައުންޑޭޝަން ކޮންކްރީޓް ލީން އަދި ފެންސު ޖެހުމުގެ މަސައްކަތް ކަމަށެވެ.
އާރްޑީސީން ދަނީ ވެލިދޫގައި ތިން މަޝްރޫއެއްގެ މަސައްކަތް ކުރަމުންނެވެ.
އެއީ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތާއި، ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރާއި އަދި ޕޮލިސް ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތެވެ. މި ހުރިހާ މަޝްރޫޢެއްގެ ވެސް އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް އާރުޑީސީން ބުނެފައިވެއެވެ.
މީގެ އިތުރުން، ވެލިދޫގައި ޤާއިމްކޮށްފައިވާ ޑަޔަލިސިސް ސެންޓަރުގެ މަސައްކަތް ނިމި މިމަހުގެ 15 ވަނަ ދުވަހު ވަނީ ހުޅުވާފައެވެ.




