ސިއްހީ ދާއިރާގައި ތަމްރީނު ލިބިފައިވާ ދިވެހިންގެ ނިސްބަތް އިތުރުކުރުމަށް އެސްޓީއޯއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ރޭޑިއޯގްރަފަރުން ތަމްރީނުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ޖެނެރަލް އިލެކްޓްރޯނިކްސް (ޖީ.އީ) ހެލްތްކެއަރއިން 2018 ގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި، ރާއްޖޭގެ ރޭޑިއޯގްރަފަރުންގެ ވަޒީފާތަކުގައި މަސައްކަތްކުރަމުން ގެންދަނީ ގިނަ އަދަދެއްގެ ބިދޭސީންނެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، އެސްޓީއޯ އާއި ޖީ.އީ ހެލްތްކެއަރ ގުޅިގެން 2018 ވަނަ އަހަރު އެމް.އޯ.ޔޫއެއްގައި ސޮއިކޮށް، ރޭޑިއޯގްރަފީ ދާއިރާއަށް ދިވެހިން އުފެއްދުމުގެ މަސައްކަތް ފެށިއެވެ.
މި މަޝްރޫޢުގެ ދަށުން، ދަރިވަރުންގެ ކްލިނިކަލް ތަމްރީނާއި އިންޓަރންޝިޕް ފުރިހަމަކުރުމަށް، އެސްޓީއޯއިން މާލޭގެ ފަސް މައި ހޮސްޕިޓަލާއެކު އެއްބަސްވުން ހަދައި، 2022 ޑިސެންބަރުގައި ކްލިނިކަލް ސެޝަންތައް ފެށި، 2024 އޮގަސްޓްގައި ދަރިވަރުންގެ ކިޔެވުން ނިންމާލެވުނެވެ.
އިންޓަރންޝިޕް ފެށުމުގެ ކުރިން ދަރިވަރުންނަށް މޮޓިވޭޝަނަލް އަދި ކަސްޓަމަރ ކެއަރ ޕްރޮގްރާމެއް ހިންގައި، 2025 ފެބްރުވަރީގައި އިންޓަރންޝިޕް ނިންމައި ސެޓްފިކެޓް ދޫކުރެވުނެވެ.
ކޯހުގައި ބައިވެރިވި 25 ދަރިވަރުންގެ ތެރެއިން 23 ދަރިވަރުން ވަނީ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައެވެ.
މިހާތަނަށް ދެ ދަރިވަރަކު އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި ވަޒީފާ އަދާކުރަން ފަށާފައިވާއިރު، އެހެން ދަރިވަރުން ދަނީ ވަޒީފާ ހޯދުމުގެ މަސައްކަތުގައެވެ. ރާއްޖޭގެ ސިއްޙީ ދާއިރާއަށް 23 ދިވެހި ރޭޑިއޯގްރާފަރުން އިތުރުވުމަކީ މުހިންމު ކުރިއެރުމެއް ކަމުގައިވީ ނަމަވެސް، މި ދާއިރާއަށް އަދިވެސް އިތުރު ރޭޑިއޯގްރާފަރުން ބޭނުންވެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު ރޭޑިއޯގްރަފީ ކޯހުގެ ދަސްވެނިވުމުގެ ހަފްލާގެ ޝަރަފުވެރި މެހެމާނަކީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.



