މާލޭގައި ހުރި އިމާރާތަކުން ފުރާޅެއްގެ މައްޗަށް އަންހެނަކު ވެއްޓިފައި އޮއްވާ މިދިޔަ ހުކުރު ދުވަހު ހެނދުނު ފެނުނު މައްސަލައިގައި، އެރޭ އޭނާއާއެކު ޕާޓީކުރި އެންމެންގެ ޕާސްޕޯޓުތައް ހިފަހައްޓައިފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މިވަގުތު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޒުވާން އަންހެން ކުއްޖާގެ ހާދިސާގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު މިހާރު ހިފަހައްޓާފައިވާ ކަމަށެވެ.
އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ނަމަކަށް ކިޔާ އެއަންހެން ކުއްޖާ، މާލޭގެ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ހުކުރު ދުވަހު ހެނދުނުއެވެ.
މިހާދިސާއާ ގުޅިގެން ފުލުހުން މީގެ ކުރިން މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގެންދިޔައީ މިކަމާ ގުޅިގެން އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކުރަމުންނެވެ. އެގޮތުން އަންހެން ކުއްޖާ ވެއްޓުނީ ނޫން ކަމަށާއި، ބަޔަކު އޭނާއަށް އަނިޔާކޮށް ވައްޓާލީ ކަމުގައި ވެސް ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން ގިނަ ތުހުމަތުތަކެއް ފެތުރިފައިވަނިކޮށް، ފުލުހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، މި ހާދިސާއާ ގުޅޭގޮތުން ބައެއް މައުލޫމާތު ހިއްސާ ކޮށްފައެވެ. އެގޮތުން އަންހެން ކުއްޖާއާއި އެ ހާދިސާ ހިނގި ރޭ އޭނާއާއެކު ތިބި މީހުން ހުރި ގެއާއި، އަންހެން ކުއްޖާ ވެއްޓޭ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖެއްވެސް ފުލުހުން ވަނީ މީޑިއާތަކާއި ހިއްސާ ކޮށްފައެވެ.
މި ހާދިސާ ހިނގި ރޭ ޔުމްނުއާއެކި އިތުރު ހަތް މީހަކު ތިބި ކަމަށާއި، ކުރިން އެހެން ގެއެއްގައި ތިބުމަށްފަހު ޔުމްނުއާ އޭގެތެރެއިން އިތުރު ބަޔަކު މި ހާދިސާ ހިނގާފައިވާ ގެއަށް ދިޔައީ އެރޭ ދަންވަރުކަމަސް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި ޔުމްނު ވެއްޓިފައިވަނީ އެ އިމާރާތުގެ ނުވަ ވަނަ ފަންގިފިލާގައި ހުރި ވައިގޮޅިއަކުން އަމިއްލައަށް ކަމަށާއި އޭނާއާ އިތުރު ފިރިހެނަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އެނގިފައިވާ ގޮތުގައި އެމީހަކީ ރައުދު އަހުމަދު ޒިލާލް އެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ވިދާޅުވެފައެވެ.
ފުލުހުން އާންމު ގޮތެއްގައި މި ފަދަ މައްސަލަތަކުގެ ފުޓޭޖް ހާމަނުކުރި ނަމަވެސް މި މައްސަލައިގައި ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނާތީ އެކަން ވެސް ކުރަން ނިންމީ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވެފައިވެއެވެ.
މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު މިހާރު ހިފަހައްޓައި، އެ މީހުންނާ ގުޅޭ ތަންތަން ބަލައި ފާސްކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މައްސަލައިގައި ދެން ހިމެނޭ މީހުންނަކީ:
- އައިޝަތު ލަޔާލީ އިގުބާލް
- އިޒްދިޔާން މުހައްމަދު މައުމޫން
- ޔޫސުފް އަހުމަދު އަކްރަމް
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު
- އާމިނަތު ޖުނައިރާ ޖަމްޝީދު
- ހުސައިން ހަރީސް އަލީ
- އިޖާޒް ޖާއިޒް




