ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގެ ތަޙުޤީޤަށް އެއްވެސް މީހެއްގެ ނުފޫޒެއް ނެތްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.
މި ހާދިސާގައި ފުރާޅު މައްޗަށް ވެއްޓިފައިވަނީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދެވެ. އޭނާ އެތަނަށް ވެއްޓިފައިވާކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 7:30 ހާއިރެވެ. ފުލުހުން ސީންގައި ހަރަކާތްތެރިވެ، އަންހެން މީހާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައީ 8:00 ހާއިރުއެވެ.
މި މައްސަލައިގެ ތަހުގީގު ހިންގުމަށްފަހު، ބުރާސްފަތި ދުވަހުގެ ރޭ ޔުމްނު ”ޕާޓީ“ ކުރިކަމާއި އޭނާއާއެކު އިތުރު 8 މީހަކު ހިމެނޭ ކަމަށް ފާހަގަވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި އެއީ ރާއްޖޭގައި ސިޔާސީގޮތުން އިސްފަރާތްތަކެއްގެ އާއިލާތަކަށް ނިސްބަތްވާ ބައެއްކަން ވެސް ހާމަވެފައިވެއެވެ.
ްެއެކަމާ ގުޅިގެން، މި މައްސަލައާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ވަނީ މި މައްސަލައަށް ބައެއް ފަރާތްތަކުން ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަކުރަމުންނެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ޝުޖާޢު ވިދާޅުވީ އަންހެން މީހާ ވެއްޓުނު މައްސަލަ ފެންމަތިވިއިރު، މިކަމުގައި ބައިވެރިވަނީ ކޮން ބައެއްކަމަށް ފުލުހުންނަށް އެނގިފައި ނުވާ ކަމަށެވެ. އެހެންކަމުން މީހެއްގެ މަސްލަހަތު އޮވެގެން ނުފޫޒު ފޯރުވުމުގެ ޖާގައެއް ނެތްކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މިހާރުވެސް މައްސަލަ ތަޙުޤީޤުކުރަމުންދަނީ އެއްވެސް މީހެއްގެ ނުވަތަ ސިޔާސީ މީހެއްގެ ނުފޫޒެއް ނެތި ކަމަށް ސީޕީ ވިދާޅުވިއެވެ. މީގެ އިތުރުން މި މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދެއްވާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.



