ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / އަދުނީ، އިބްރާހީމް ރަޝީދު (40އ) އާއި ޏ. ފުވައްމުލައް / މިސްކިތްމަގު، ކުދިމާގެ، ޞަފިއްޔާ މުޙައްމަދު (41އ) އެވެ.
ފުލުހުން ބުނީ މި އެޕްރީލް މަހުގެ 22 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، މި ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 108.96 ގުރާމް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިބްރާހީމް ރަޝީދު (40އ) 15 ދުވަހަށް އަދި ޞަފިއްޔާ މުޙައްމަދު (41އ) ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




