ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ ހަފުތާގައި މެލޭޝިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކުރައްވައިފި އެވެ.
ރައީސް އޮފީހުން ވިދާޅުވީ މީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް، މި މަހުގެ 27 އިން 30 އަށް ރައީސް ކުރާއްވާ ދަތުރުފުޅެއް ކަމަށެވެ.
މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު، މެލޭޝިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ. އެ ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރެއްވުމާއި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ މެދު މަޝްވަރާކުރައްވާނެ އެވެ.
އަދި ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
ދަތުރުފުޅުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކުރާ ބިޒްނަސް ފޯރަމެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވައި، މެލޭޝިއާގެ އިސް ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެ އެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތްކުރައްވައި، އެ ޔުނިވަސިޓީގައި ދަރުހެއް ވެސް ދެއްވާނެ އެވެ.
މީގެ އިތުރުން މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
ރައީސްގެ މި ދަތުރުފުޅާ ދިމާކޮށް، ގައުމީ އެއާލައިން މޯލްޑިވިއަން އިން ވަނީ މި މަހުގެ 27 އިން 30 އަށް މާލެ އިން މެލޭޝިއާ އަށް އަދި މެލޭޝިއާ އިން މާލެ އަށް ދަތުރުކުރެވޭނެ ޚާއްސަ އަގުހެޔޮ ފެއަރތަކެއް އިއުލާންކޮށްފަ އެވެ.




