ހައްވާ ޔުމްނު ރަޝީދު (21) ވެއްޓުނު ހ. ފެންޓެނޯއިގެއަށް ނޫސްވެރިން ވަނުމުގެ ހުއްދަ އެ ގޭގެ ވެރިފަރާތުން ދީފިކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް ދެންމެ ފޮނުވި މެސެޖުގައި ބުނީ، ހާދިސާ ހިނގި ގެއަށް މީޑިއާ ވަނުމުގެ ފުރުސަތު ދޭނެކަމަށް ގޭގެ ވެރިފަރާތުން ފުލުހުންނަށް މިހާރު ވަނީ އަންގާފައި ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މީޑިއާތަކަށް ކުރިން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ފެންޓެނޯއިގެއަށް ނޫސްވެރިންނަށް ވަދެވޭނެ ފުރުސަތު ހޯދުމަށް އެ ގޭގެ ވެރިފަރާތާއެކު މަޝްވަރާކުރުމުން، އެ ގެއަށް މީޑިއާ ވެއްދުމުގެ ހުއްދަ ދެވެން ނެތް ކަމަށް އެ ފަރާތުން ބުނި ކަމަށެވެ.
ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، ޔުމްނު ވެއްޓިފައިވަނީ ފެންޓެނޯއި ގޭގެ ނުވަވަނަ ފަންގިފިލާގައި ހުރި ފެންލައިޓަކުންނެވެ. އަދި މި ހާދިސާއާ ގުޅޭގޮތުން އެކި ގޮތްގޮތަށް ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރެމުންދާތީ، އެ ގެއަށް ނޫސްވެރިން ވެއްދޭތޯ ފުލުހުން މަސައްކަތްކުރި ކަމަށް ވަނީ ހާމަކޮށްފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ފެންޓެނޯއި ގޭގެ ސިޑިގޮޅި ފެންނަ ސީސީޓީވީ ފުޓޭޖު އާންމުކޮށްފައެވެ. މި ފުޓޭޖަކީ މީގެ ކުރިން ސިއްރުކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައްކާފައިވާ ފުޓޭޖެކެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ފަތިހުއެވެ. ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.



