ދިވެހި މުޖްތަމަޢުން މިއަދު ފެންނަމުންދާ ނޭދެވޭ އަމަލުތަކުގެ ޒިންމާ ނަގަންޖެހޭނީ އިސްލާމީ އުސޫލުތަކާއި ދިވެހިންގެ އާދަކާދަތަކަށް ބެލުމެއްނެތި ”ބިރަކާ ނުލާ މަޖާކުރުން“ ޕްރޮމޯޓްކުރި މީހުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ފަހުން ގެއެއްގެ ފުރާޅުން އަންހެނަކު ވެއްޓުނު ހިތާމަވެރި ހާދިސާއަށް އިޝާރާތްކުރައްވައި، އެކަމާމެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
”ވަރަށް ހިތާމަވެރި ހާދިސާއެއް. މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކުވެސް ޤަބޫލުކުރާނީ ބިރަކާއި ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކުރި މީހުން.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ އެންމެ މުހިންމު މުއައްސަސާކަމަށެވެ. އަދި ރައްޔިތުންނާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އިތުބާރު އިތުރުކުރުމަށްޓަކައި މަޢުލޫމާތު ހިއްސާކުރުމުގެ އުސޫލުތައް ބަދަލުކުރަން ޖެހޭކަމަށްވެސް ފާހަގަކުރެއްވިއެވެ.
ރައީސް އަލިއަޅުއްވާލެއްވި މުހިންމު ނުކުތާތައް:
- ފުލުހުންގެ މަސައްކަތަށް ރައްޔިތުންގެ އެއްބާރުލުން މުހިންމުކަން
- މުއައްސަސާގެ އަގުވައްޓާލަން މަސައްކަތްކުރާ ފަރާތްތަކާމެދު ސަމާލުވުމުގެ މުހިންމުކަން
- ދެފުށް ފެންނަ ގޮތަށް މަޢުލޫމާތު ހިއްސާކުރުމުގެ މުހިންމުކަން
ޖަލްސާ ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ ވެރިކަމުގައި ފުލުހުންގެ ފަރާތުން އިޚްލާޞްތެރި ޚިދުމަތެއް ފެންނާނެކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.




