މިދިޔަ ހުކުރު ދުވަހު ފަތިހު ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ބުރިން ހ. މިތާޒްގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލުގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ރައުދުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފައިވާ ކަމަށެވެ.
ފުލުހުން ރައުދު ހައްޔަރުކޮށްފައިވަނީ އިއްޔެ ރޭ 6:20 ގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ފުލުހުން ވަނީ މިއަދު ހެނދުނު އޭނާގެ މަގްޝޮޓް އާންމުކޮށްފައެވެ.
މި މައްސަލައިގައި ފުލުހުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާއެކު ފެންޓެނޯއީ ގޭގައި ހުރި ފަރާތެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މި މައްސަލައިގައި އިތުރު ހެކި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.




