މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ފެންނަ ލަޔާލީއަކީ އެމަނިކުފާނުގެ ދަރިއެއް ނޫންކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އިގްބާލް އާދަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިގްބާލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި އެމަނިކުފާނާ މެދު ކުރެވުނު ތުހުމަތުތަކަކާ ގުޅިގެންނެވެ.
ޑރ. އަބްދުލް ގަނީގެ ނަމުގައި އެކްސްގައި ހަދާފައިވާ އެކައުންޓަކުން ކުރި ޕޯސްޓެއްގައި ވަނީ ހެންވޭރުގައި ފުރާޅަކުން ވެއްޓުނު އަންހެން މީހާގެ މައްސަލައިގައި ތުހުމަތުކުރެވޭ ލަޔާލީއަކީ މިނިސްޓަރު އިގްބާލްގެ ދަރިއެއް ކަމަށް ބުނެފައެވެ. އަދި އެ މައްސަލަ ނުބެލޭނެ ސަބަބަކީވެސް އެއީ ކަމަށް އެ ޕޯސްޓްގައި ބުނެފައިވެއެވެ.
މީގެއިތުރުން، އެ ޕޯސްޓްގައި ވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފަކީ ލަޔާލްގެ ބޮޑުބޭބެ ކަމަށާއި، ލަޔާލީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވެސް ބުނެފައެވެ.
”ވަރަށް މަޢާފާއިއެކުގައި ދަންނަވަން. ދައުރުކުރަމުންދާ މިފޮޓޯގައިވާ ލަޔާލީއަކީ އަޅުގަނޑުގެ ދަރިއެއް ނޫން. އަދި ލަޔާލީއަކީ އަޅުގަނޑުގެ ޢާއިލާއާއި ގުޅުހުރި ކުއްޖެއްވެސްނޫން. މިފަދަ ބޮޑެތި ދޮގު ނުފެތުރުމަށް ގޮވާލަން.“ މިނިސްޓަރު އިގްބާލް ވިދާޅުވިއެވެ.
ދޮގު ހަބަރު ނުފެތުރުމަށް އަބްދުލް ގަނީއަށް މިނިސްޓަރު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައިވެއެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ހެންވޭރުގައި ހިނގި މި ހާދިސާއާ ގުޅިގެން ތުހުމަތުކުރެވޭ 8 މީހެއްގެ ފޮޓޯ ފުލުހުން ވަނީ އާންމުކޮށްފައެވެ.
އަދި މައްސަލައިގައި ތުހުމަތުކުރެވޭ އެންމެންގެ ޕާސްޕޯޓްތައް ވަނީ ހިފަހައްޓާފައެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



