ހ. މިތާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓި، އަަނިޔާވެ ސީރިއަސް ހާލަތެއްގައި އޮތް ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް މެލޭޝިއާއަށް ފުރުވާލުމުގެ ހުރިހާ އިންތިޒާމުތަކެއް ސަރުކާރުން ހަމަޖައްސައިދީފި ކަމަށް އާއިލާއިން ބުނެފިއެވެ.
މިކަމުގެ މައުލޫމާތު ހިއްސާކުރުމަށް އާއިލާއިން ޕަވަރ އޮފް އެޓާނީ ހަވާލުކޮށްފައިވާ މޫމިން މައުމޫން މިއަދު ބުނީ، ޔުމްނު މެލޭޝިއާއަށް ފުރުވާލުމަށްޓަކައި ސަރުކާރުން ފްލައިޓް ޗާޓަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެންސްޕާގެ ފަރާތުން ވެސް މިކަމުގައި ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށް އޭނާ ބުންޏެވެ.
މިދިޔަ ހުކުރު ދުވަހު ފުރާޅެއްގެ މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ޔުމްނުގެ ހާލަތު ގޯސްވެ ކުރިން ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައެވެ.
ނަމަވެސް އޭނާގެ ހާލަތު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.




