އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް އޮތް ކިއު ކުޑަކުރުމަށް، އޯޕީޑީގެ ޚިދުމަތް ހަވީރު ގަޑީގައިވެސް ދިއުމަށް މަސައްކަތްކުރަމުން އަންނަކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ޕްރޮގްރާމުގައި އެހުންތެރިއަކު ސުވާލު ކޮށްފައިވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރަށް ދެއްކުނުގައި އޮންނަ ކިޔު ކުޑަކުރުމަށް ކުރައްވާ މަސައްކަތާ ގުޅޭގޮތުން ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ ހޮސްޕިޓަލުގައި ޑޮކްޓަރަށް ދެއްކުމުގެ ކިއު ބޮޑުވުމަށް ދިމާވާ މައިގަނޑު ސަބަބަކީ ސްޕެޝަލިސްޓު ޑޮކްޓަރުންނާއި އެކަށީގެންވާ ޖާގަ ނެތުންކަމަށެވެ.
އެގޮތުން ބައެއް އޮޕަރޭޝަންތައް ލަސްކުރަންޖެހެނީ ތިއޭޓަރުގައި ޖާގަ ނުވަތަ ބެޑު ނެތިގެންކަން ވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި މިވަގުތުވެސް 75 އެނދު އައިޖީއެމްއެޗަށް އިތުރުކުރުމުގެ މަޝްރޫއު ކުރިއަށްދާކަން ފާހަގަކުރައްވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ ޑޮކްޓަރުންނާއި މަޝްވަރާކުރައްވައިގެންވެސް ކިއު ކުޑަކުރެވޭނެގޮތްތައް ހޯދަމުން އަންނަކަމަށެވެ.
މިކަމުގެ ހައްލެއްގެ ގޮތުން އައިޖީއެމްއެޗްގެ އޯޕީޑީގެ ޚިދުމަތް ހަވީރު ގަޑީގައި ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، އެކަމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އައިޖީއެމްއެޗްގައި މިހާރު އޯޕީޑީގެ ޚިދުމަތް ދެނީ ހެނދުނު އެކަންޏެވެ.



