ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ގާނޫނީ ވަކީލުން ތަމްސީލްކުރައްވާ ވަކީލު އަލީ އަބްދުއްލަތީފް، ކޮމިޝަނުން ދުރުކުރަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކާމެދު ޤާނޫނު އަސާސީއަށް މިފަހުން ގެނައި އިސްލާހުތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށް، އެ ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި، ޑރ. އަޒްމިރަލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރު ވަނީ ސަސްޕެންޑު ކޮށްފައެވެ. އެކަމާ ގުޅިގެން ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، ފަނޑިޔާރު އަޒްމިރަލްދާއާއި މަހާޒްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އަދި އެ މައްސަލަ ބެލުމަށް އެ ކޮމިޝަނުން އެކުލަވާލި ކޮމިޓީގައި ވަކީލު އަލީ އަބްދުއްލަތީފް އިންނަވައެވެ.
ޖޭއެސްސީން ވަކީލު އަލީ ދުރުކުރުމަށް ގޮވާލާފައިވާ ޕެޓިޝަން ފޮނުވާފައިވަނީ ވަކީލުން ތިއްބަވާ ޓެލެގްރާމް ގްރޫޕަކަށެވެ.
އެ ޕެޓިޝަން ޓެލެގްރާމް ގްރޫޕަށް ފޮނުއްވީ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ޕެޓިޝަން ފޮނުއްވުމަށް ފަހު އޭނާ ވިދާޅުވީ ޖޭއެސްސީގެ މެންބަރު ކަމުން އަލީ ވަކިކުރުމަށް ބާ ކައުންސިލަށް އިލްތިމާސެއް ހުށަހެޅުމަށް މަސައްކަތްކުރައްވަމުންދާ ކަމަށެވެ.
ޕެޓިޝަނަށް ސޮއި ފޮނުވުމަށް ހަމަޖެހިފައިވަނީ ބާ ކައުންސިލްގެ ޕެޓިޝަން މެއިލަކަށެވެ. ސުއޫދު ފޮނުއްވި މެސެޖުގައި ލިއުއްވާފައިވާ ގޮތުގައި އެއީ ޕެޓިޝަނުގައި ސޮއިކުރައްވާ ވަކީލުންގެ މައުލޫމާތު ރައްކާތެރިކަމާއެކު ހިފެހެއްޓުމުގެ ބޭނުމުގައި ހައްދަވާފައިވާ ގޮތެއް ކަމަށެވެ.



