އާސަހަރާގައި ޖަނާޒާއެއްގައި ހުންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) އަށް ދޮށީ އުމުރުގެ މީހަކު ހަމަލާދީފިއެވެ.
މަޖިލީހުގެ މެންބަރަކު ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ކަމަށާއި، ދޮށީ އުމުރުގެ ފިރިހެނަކު، ފިއްޓޭ ޖަނާޒާގައި ހުންނަވަނިކޮށް، އެމީހާގެ އުޅަނބޮށިން ޖެހުމަށްފަހު ”ފުއްޕާފަ މިތަނުގައި ނޫޅެއްޗޭ“ ބުނި ކަމަށެވެ.
އެމީހާއަށް ފިއްޓޭ އެއްވެސް ރައްދެއް ދީފައިނުވާ ކަމަށާއި، ހަމަލާ ދިނީވެސް އެއްވެސް ސިޔާސީ ވާހަކައެއްވެސް ދެއްކުމުން ނޫން ކަމުގައި ވެސް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވިއެވެ.
ފިއްޓޭއަށް ހަމަލާދިން މީހަކީ އާންމުކޮށްވެސް ރުޅިގަދަ މީހެއްކަން އެނގިފައިވާ ކަމަށާއި އެހެންކަމުން މައްސަލަ ފުލުހަށް ހުށަނާޅާ ކަމަށާއި އާއިލާއާ ވާހަކަ ދައްކައިގެން މި މައްސަލަ ހައްލު ކޮށްފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
ނަމަވެސް މިފަދަ ކަންކަމަކީ، ސިޔާސީ ގޮތުން ހިޔާލު ތަފާތު ވިޔަސް ވެގެންވާނެ ކަންކަން ނޫންކަމަށާއި މިއީ ވަރަށް ދެރަކަމެއްގެ ގޮތުގައި މެންބަރު ސިފަކުރެއްވިއެވެ.




