މާލޭގައި ހުރި އިމާރާތަކުން ފުރާޅެއްގެ މައްޗަށް އަންހެނަކު ވެއްޓިފައި އޮއްވާ މިދިޔަ ހުކުރު ދުވަހު ހެނދުނު ފެނުނު މައްސަލައިގައި، އެރޭ އޭނާއާއެކު ޕާޓީކުރި ކަމަށް ތުހުމަތު އުފުލިފައިވާ އެންމެންގެ ފޯނުތައް ފުލުހުން ހިފަހައްޓައިފިއެވެ.
އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ނަމަކަށް ކިޔާ އެއަންހެން ކުއްޖާ، މާލޭގައި ހުންނަ ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާ ފުލުހުންނަށް ރިޕޯޓުކުރީ މިމަހުގެ 18 ވީ ހުކުރު ދުވަހު ހެނދުނު 7:30 ހާއިރެވެ.
މިހާދިސާއާ ގުޅިގެން ފުލުހުން މީގެ ކުރިން މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގެންދިޔައީ މިކަމާ ގުޅިގެން އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކުރަމުންނެވެ. އެގޮތުން އަންހެން ކުއްޖާ ވެއްޓުނީ ނޫން ކަމަށާއި، ބަޔަކު އޭނާއަށް އަނިޔާކޮށް ވައްޓާލީ ކަމުގައި ވެސް ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން ގިނަ ތުހުމަތުތަކެއް ފެތުރިފައިވަނިކޮށް، ފުލުހުން މި މަހުގެ 22 ވީ އަންގާރަ ދުވަހުގެ ރޭ ވަނީ ”ކްލޯސްޑް ޑޯ“ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، މި ހާދިސާއާ ގުޅޭގޮތުން ބައެއް މައުލޫމާތު ހިއްސާ ކޮށްފައެވެ. އެގޮތުން އަންހެން ކުއްޖާއާއި އެ ހާދިސާ ހިނގި ރޭ އޭނާއާއެކު ތިބި މީހުން ހުރި ގެއާއި، އަންހެން ކުއްޖާ ވެއްޓޭ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖެއްވެސް ފުލުހުން ވަނީ މީޑިއާތަކާއި ހިއްސާ ކޮށްފައެވެ.
މި ހާދިސާ ހިނގި ރޭ ޔުމްނުއާއެކި އިތުރު އަށް މީހަކު އުޅުނު ކަމަށާއި ކުރިން އެހެން ގެއެއްގައި ތިބުމަށްފަހު ޔުމްނުއާއި އެރޭ އެމީހުންނާއެކު އުޅުނު ރައުދު އަހްމަދު ޒިލާލް، ހާދިސާ ހިނގާފައިވާ ގެއަށް ދިޔައީ އެރޭ ދަންވަރުކަމަސް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި ޔުމްނު ވެއްޓިފައިވަނީ އެ އިމާރާތުގެ ނުވަ ވަނަ ފަންގިފިލާގައި ހުރި ވައިގޮޅިއަކުން އަމިއްލައަށް ކަމަށާއި އޭނާއާއެކު އުޅުނު ފިރިހެންމީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ނަމަވެސް އެރޭ އާންމުކުރި މައުލޫމާތުތަކާ ގުޅިގެން އިތުރު ކަންބޮޑުވުންތަކަކާއި ސުވާލުތަކެއް އުފެދިފައިވާތީ، ފުލުހުން ވަނީ މިމަހުގެ 24 ވަނަ ދުވަހު، އާންމުކޮށް ހުޅުވާލައިގެން ނޫސްވެރިންގެ އިތުރު ބައްދަލުވުމެއްވެސް ބާއްވާފައެވެ. އަދި ހާދިސާ ހިނގިރޭގައި ކަންތައްް ހިނގައިދިޔަ ގޮތުގެ ބައެއް މަންޒަރު ހިމެނޭ ސީސީޓީވީ ފުޓޭޖެއްވެސް ފުލުހުން ހިއްސާ ކޮށްފައިވެއެވެ.
އެގޮތުން މި މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު މިހާރު ހިފަހައްޓައި، އެ މީހުންނާ ގުޅޭ ތަންތަން ބަލައި ފާސްކުރަމުން އަންނަ ކަމަށް ފުލުހުން އެ ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ޔުމްނު ހިމެނޭހެން، ހާދިސާގައި ޝާމިލުވާ 9 މީހުންގެ ފޯނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ވިދާޅުވެފައެވެ.
އެމީހުންނަކީ:
° ހައްވާ ޔުމްނު ރަޝީދު
° ރައުދު އަހްމަދު ޒިލާލް
° އައިޝަތު ލަޔާލީ އިގުބާލް
° އިޒްދިޔާން މުހައްމަދު މައުމޫން
° ޔޫސުފް އަހުމަދު އަކްރަމް
° ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު
° އާމިނަތު ޖުނައިރާ ޖަމްޝީދު
° ހުސައިން ހަރީސް އަލީ
° އިޖާޒް ޖާއިޒް
ފުލުހުން މިއަދު ވިދާޅުވީ މި އެންމެންގެ ފޯނުތައްވެސް ހިފަހައްޓަން މިހާރު ކޯޓު އަމުރު ލިބިފައިވާތީ، އެމީހުންގެ ފޯނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި ޔުމްނު ފިޔަވާ އެހެން އެންމެންގެ ޕާސްޕޯޓުތައްވެސް ފުލުހުންވަނީ އަތުލާފައެވެ.



