އިމާރާތަކުން އަންހެން ކުއްޖަކު ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓުނު މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ މިނިވަން އިންކުއަރީއެއް ހަދަން ގޮވާލައި ސިޓީ ކައުންސިލުން ބަޔާނެއް ނެރެން ހުށަހަޅައިފިއެވެ.
މި ހާދިސާގައި ފުރާޅެއްގެ މައްޗަށް ވެއްޓިފައިވަނީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އެވެ. އޭނާ ފުރާޅުމައްޗަށް ވެއްޓިފައިވާކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިމަހުގެ 18 ވީ ހުކުރު ދުވަހުގެ ހެނދުނު 7:30 ހާއިރެވެ.
ޤައުމުގެ ގިނަ ބައެއްގެ ކަންބޮޑުވުން އުފެދިފައިވާ މި މައްސަލައާ ގުޅިގެން ކައުންސިލްގެ ދެ މެންބަރަކު ސޮއިކޮށް މޭޔަރު އާދަމް އާޒިމަށް ފޮނުވާފައިވާ ސިޓީގައި ވަނީ، މާލެ ސިޓީ ކައުންސިލަކީ މާލޭގެ ރަށްވެހިންގެ ދުޅަހެޔޮކަމާއި ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ މައްޗަށް މަސްއޫލުވެރި ކުރުވިފައިވާ އިންތިޚާބީ ޝަޚްސެއްް ކަމަށެވެ.
އެ ސިޓީގައި އިތުރަށް ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން އިންސާފު ހޯދާން މާލޭގައި ޒުވާނުން އިސްވެ ހިންގަމުންދާ ސުލްޙަވެރި މުޒާހަރާތަކާ ގުޅިގެން ސިޓީ ކައުންސިލުގެ މައްޗަށް ވާޖިބުތަކެއް ހުރިކަމަށް ފެންނަކަމަށެވެ.
އެ ސިޓީގައި ފާހަގަކޮށްގައިވާ ކަންތައްތަކުގެ ތެރޭގައި:
° އިންސާފު ހޯދާން ހިންގާ ހަރަކާތްތަކަށް މާލޭގެ މަގުތަކާއ،ި ހުސްޖާގަތަކާއ،ި ޕާކުތައް ހުޅުވިގެންވާކަން އޮޅުމެއްނެތި ބަޔާންކޮށް، އިންސާފަށް އެދި ގޮވާ އަޑުތަކަށް ހިތްވަރު ދިނުން
° އެއިން ހަރަކާތަކަށް ހުރަސް ނޭޅުމަށް ސަރުކާރަށް ގޮވާލުން
° ސަރުކާރުގެ ނުފޫޒުގަދަ ބައެއްގެ ގާތްތިމާގެ ބަޔަކު މީހުން ފިލުވުމާއި ރެކުވުމާއި ސަލާމަތްކުރާން ފުލުހުން އަމަލުކޮށްފައިވާގޮތުން ތަހުގީގުގެ އިތުބާރު ގެއްލިފައިވާކަން ފާހަގަކޮށް، އިންސާފުވެރިކަމާއި ޕްރޮފެޝަނަލް މިންގަނޑުގައި ދެފުށްފެންނަ ގޮތުގައި ތަހުގީގު ހިންގަން ސަރުކާރާއި ފުލުހުންނަށް ގޮވާލުން
° މިމައްސަލައިގައި ސަރުކާރާއި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ މިނިވަން އިންކުއަރީއެއް، މުޒާހަރާގެ ބައިވެރިންގެ ފަރާތުން ނޮމިނޭޓުކުރާ މަންދޫބުން ހިމަނައިގެން ކުރިއަށްގެންދާން ސަރުކާރަށް ގޮވައިލުން




