މާލޭ ހެންވޭރުގައި ހުރި ގެއެއްގައި ހިންގާ ޕްރައިވެޓް އޮފީހެއްގެ ތެރޭގައި ސިނގިރޭޓު އުފައްދާ ކަމުގެ މައުލޫމާތު ލިބިގެން ބަލައި ފާސްކުރިއިރު، އެ އެޕާޓްމަންޓުގެ ތެރެއިން ފެނުނު 49،000 ސިނގިރޭޓް ފޮށި އަނބުރާ އެ ކުންފުންޏަށް ރައްދު ކުރަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފިއެވެ.
ހ. ހުޅުގަލީގެ އެ އެޕާޓްމަންޓު ތެރޭގައި ސިނގިރޭޓު އުފައްދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަން ބަލައިފާސްކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގެ ރެއެވެ. އޭގެ ޖެހިގެން އައި ދުވަހު ފުލުހުން ބުނީ އެ ގެއިން ކާޑުބޯޑުގެ 103 ފޮށިގަނޑު އަތުލައިގަނެފައިވާ ކަމަށާއި އޭގެ ތެރޭގައި ދުންފަތް ހުރި ފޮށިގަނޑު ވެސް ހިމެނޭ ކަމަށެވެ.
ފުލުހުން އެއިރު ބުނި ގޮތުގައި ސިނގިރޭޓު އުފައްދަން އުޅުނީ ރެއިޑިއަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ކުއްޔަށް ނަގާފައިވާ ތަނެއްގަ އެވެ. އެ ކުންފުނިން ވަނީ ފުލުހުން ހިފެހެއްޓި މުދާ ހޯދުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ. އޭގެތެރޭގައި ހުސް ފޮއްޓާއި ދެ ބޮކްސިން މެޝިނަކާއި އުފައްދާފައިވާ ސިނގިރޭޓް އަދި ދުންފަތް ހިމެނެއެވެ.
މި މައްސަލައާ ގުޅޭގޮތުން މިދިޔަ އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ ފުލުހުން ހިފަހައްޓާފައިވާ ރެއިޑިއަސް ޕްރައިވެޓް ލިމިޓެޑްގެ މުދާތަކުގެ ތެރެއިން ހުސް ފޮށިތަކާއި ބޮކްސިން މެޝިންތައް އެއްވެސް ޝަރުތެއް ނެތި ދޫކުރުމަށް އަމުރުކޮށްފައެވެ. ނަމަވެސް ސިނގިރޭޓާއި ދުންފަތް ދޫކުރުމަށް ކޯޓުން ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ.
އެއީ:
– މުދާ ދޫކުރެވޭ ހާލަތުގައި ހިފަހައްޓާފައިވާ މުދަލުގެ ފޮރެންސިކް ތަހުލީލު ހެދުމަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފުލުހުންނަށް އެއްބާރުލުން ދިނުން.
– ހިފެހެއްޓިފައިވާ މުދާ ވިއްކުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ހޯދަން ޖެހޭ ހުއްދަ / ލައިންސެންސް ހޯދުމަށް ފަހު ފުލުހުންގެ ހިދުމަތަށް ހުށަހެޅުމުން މުދާ ދޫކުރުމަށް.
– މުދާ ދޫކުރާ ހާލަތުގައި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުކުރުމަށް
– މުދާ ދޫކުރެވެންދެން ނުވަތަ މުދަލާ މެދު ވަކި ގޮތަކަށް އަމަލު ކުރެވެންދެން މުދަލުގެ އަގު ނުގެއްލޭނެހެން ރައްކާތެރިކަމާ އެކު ބެހެއްޓުމަށް ފުލުހުންގެ މައްޗަށް އެންގުމަށް.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ހުސް ފޮށިތަކާއި މެޝިންތައް ތިން ދުވަސް ތެރޭ ހަވާލުކުރަން އަންގައިފަ އެވެ. އަދި ސިނގިރޭޓާއި ދުންފަތް ލައިންސެންސް ނެގުމަށްފަހު ހުށަހަޅާތާ ފަސް ދުވަސް ތެރޭ ހަވާލުކުރަން އަންގައިފަ އެވެ.



