ރަސްފަންނު މޫދަށް އެޅިފައިވާ ކަޅުތެޔޮ ސާފުކޮށް ނިންމާ އެ ސަރަޙައްދު ޢާންމު ޙާލަތަކަށް ގެނެވިފައިވާ ކަމަށް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެފިއެވެ.
ރަސްފަންނުގެ މޫދަށް ކަޅު ތެޔޮ އެޅިގެން ރިޕޯޓު ކުރީ މިއަދު ހެނދުނުގެ ވަގުތެއްގައިކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.
ފުލުހުން ބުނީ، ކަޅު ތެޔޮ ހުރިކަން ފާހަގަކުރެވުނީ ރާޅު ޖަހާ ސަރަހައްދުގައި ކަމަށެވެ.

މި މައްސަލަ ފުލުހުންނާއި ކަމާއި ބެހޭ އިދާރާތަކުން ގުޅިގެން ބަލަމުންދާ ކަމަށާއި އެތަން ސާފުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ރަސްފަންނަކީ މާލެ ސަރަހައްދުގައި ސަރުކާރުން މޫދަށް އެރުމަށް ހާއްސަކޮށް ހަދާފައިވާ ދެ ބީޗްގެ ތެރެއިން އެއް ބީޗެވެ. ވަރަށް ގިނަ ބަޔަކު ކޮންމެ ދުވަހަކު އެތަނަށް މޫދަށް އެރެން ދެއެވެ.
މީގެ ކުރިން ވެސް ރަސްފަންނަނަށް ކަޅުތެޔޮ އެޅި ތަން ތަޣައްޔަރުވުމު މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.



