”ވިލުންތެރި އެކުވެރިން“ގެ ނަމުގައި ނަފްސާނީ ޞިއްހަތަށް ހާއްސަ ފޮތެއް ނެރެފިއެވެ.
މި ފޮތާއި ފޮތުގެ ގައިޑްލައިން އިފްތިތާހް ކޮށްދެއްވާފައި ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ފޮތަކީ ނަފްސާނީ ޞިއްހަތު ހަރުދަނާ ކުރުމަށް، ބެލެނިވެރިންނާއި ކުދިންނަށް އެހީތެރިވުމަށްޓަކައި ، ނޭޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތުން ތައްޔާރުކޮށްފައިވާ ފޮތަކާއި ގައިޑްލައިނެއް ކަމަށެވެ.
މި ފޮތާއި ގުޅޭގޮތުން ނޭޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތު ގެ ކޮންސަލްޓަންޓް އިން ސައިކިއާޓްރީ ޑރ. ޝަނޫހާ މަންސޫރު ވިދާޅުވީ މި ފޮތަކީ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް ޚާއްޞަ ކުރެވިފައިވާ ފޮތެެއް ކަމަށެވެ.
”ފޮތުގައި އެކި ކެރެކްޓަރސްތައް ހެދިފައި ހުންނާނީ ކުދިންނަށް ދިމާވާ ނަފްސާނީ އުނދަގޫތަކާއި ވާހަކަތައް ހިމަނައިގެން“ އޭނާ ވިދާޅުވެފައި ވެއެވެ.
މި ފޮތުގެ މަޤްޞަދަކީ މުޖުތަމަޢު ތެރޭގައި ކުދިންނަށާއި ބެލެނިވެރިންނަށް ދިމާވާ އުނދަގޫތަކަށް ކޮންމެވެސް ކަހަލަ އެހީތެރިކަމެއް ފޯރުކޮށް ދިނުން ކަމަށް ނޭޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތުން ހާމަކުރެއެވެ.
އެއީ ކޮންމެހެން ނަފްސާނީ ބައްޔެއް ހުރެގެން ނޫން ކަމަށާއި އެއީ އުނދަގޫތަކަށް އެޑްރެސް ކުރަން އެހީއެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއް ކަމަށް ނޭޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތުން މައުލޫމާތުދެއެވެ.
މި ފޮތަކީ ޔުނިސެފްގެ އެހީތެރިކަމާއި އެކު ނޭޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތު ގެ ޑޮކްޓަރުން އަދި މުވައްޒަފުން އަމިއްލައަށް ކެރެކްޓަރތައް ތައްޔާރުކޮށް ޑިޒައިންކޮށް ކުރަހާ ލިޔެފައިވާ ފޮތެކެވެ.
ނޭޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތުން ބުނީ މި ފޮތް ސްކޫލްތަކާއި ހުރިހާ ޞިއްހީ ޚިދުމަތްދޭ ތަންތަނަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.



