ދިވެހި ކާބަފައިން ދައްކައިދިން މަތިވެރި ނަމޫނާއާ އެއްގޮތަށް ގައުމީ މަސްލަހަތަށް އިސްކަންދޭން ޖެހޭ ކަމަށާއި، އެއްވެސް ބާރެއްގެ ބަނޑުދަށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރަން ޖެހޭނީ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މައިދާނުގައި ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހިންނަކީ މި ސަރަހައްދުގައި އޮތް އެންމެ މިނިވަން ދައުލަތް ކަމަށާއި، މި ފަޚުރުވެރި މިނިވަންކަމުގެ ތާރީޚު ގުޅިފައިވަނީ ދިވެހި ރައްޔިތުން އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި އެއް އަޒުމެއްގައި ދެމިތިބުމުގެ މައްޗަށް ކަމަށެވެ.
އަދި ނަސްރުގެ ދުވަސް ހަނދާންއާކޮށްދެނީ މާޒީގައި ކާބަފައިން ދެއްކެވި ނަމޫނާއާ އެއްގޮތަށް، އަމިއްލަ އެދުމަށްވުރެ ގައުމީ މަސްލަހަތު އިސްކުރަންޖެހޭ ކަން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
”އަމިއްލަ އެދުމުގެ ކުރިއަށް، ދީނާއި ގައުމުގެ މަސްލަހަތު އިސްކަންކުރަން ޖެހޭކަން، އަޅުގަނޑުމެންގެ ގައުމު ދިފާއު ކުރަން ޖެހޭނީ އަޅުގަނޑުމެންކަން، އެއްވެސް ބާރެއްގެ ބަނޑުދަށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރަން ޖެހޭނީ އަމިއްލަ ފައިމައްޗަށް ތެދުވާން ކަން،“ މިނިސްޓަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދިފާއީ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ، ދިވެހިން އަމިއްލައަށް ދިފާއުކޮށް ދެމެހެއްޓުން ކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް ކުރެވެމުންދާ އެންމެހައި މަސައްކަތްތައް ކުރިއަށްދަނީ މި ސިޔާސަތުގެ ދަށުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިގޮތުން ސިފައިންގެ ގާބިލްކަން އިތުރުކުރުމަށްޓަކައި އެއްގަމާއި ކަނޑާއި އަދި ވައިގެ ތެރޭގައި ހިންގޭ އޮޕަރޭޝަންތަކަށް ދިވެހި ސިފައިން ތަމްރީނުކުރުމާއި، ޒަމާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތްތައް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، 1988 ނޮވެމްބަރު 3 ގައި ދުޝްމަނުންނާ ދެކޮޅަށް ޖިހާދުކުރެއްވި ސިފައިން ދެއްކެވި މަތިވެރި ނަމޫނާއިން މިއަދުގެ ޒުވާނުން އިބުރަތް ހާސިލްކުރަންޖެހޭ ކަމަށާއި، ގައުމަށްޓަކައި ފުރާނައިން ގުރުބާންވި ބަތަލުންގެ ޒިކުރާ އަބަދުވެސް އާކުރަންޖެހޭ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.



