މިދިޔަ އަންގާރަ ދުވަހު މާފަންނުގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފިއެވެ.
މަރުވެފައި އޮއްވާ ފެނުނީ މ. އަލުވިމާގެ އާގެ، މުހައްމަދު ހިސާމް (40އ.) އެވެ.
އޭނާގެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް މިއަދާ ހަމައަށް ބާއްވާފައި އޮތީ މޯޗަރީގަ އެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ޕޯސްޓް މޯޓަމް ހެދުމާއި ގުޅޭ ގޮތުން އާއިލާއާއެކު މަޝްވަރާކުރި ކަމަށެވެ.
އެހެން ނަމަވެސް އާއިލާއާއެކު މަޝްވަރާކުރުމަށް ފަހު ޕޯސްޓް މޯޓަމް ނަހަދަން ނިންމީ ކަމަށް ފުލުހުން ބުންޏެވެ.
އަދި މޯޗަރީން ހިސާމްގެ ހަށިގަނޑު ނެރެ މިއަދު އޭނާގެ އާއިލާއާ ހަށިގަނޑު ހަވާލުކުރި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އޭނާގެ ޖަނާޒާގެ ކަންކަން ނިންމައި މިއަދު އަސުރު ނަމާދަށް ފަހު ވަނީ އާސަހަރާގައި ވަޅުލައިފަ އެވެ.



