ސަރުކާރުގެ ލޯން ސްކީމާއި ސްކޮލާޝިޕްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ދޫކުރަންޖެހޭ ފައިސާ ބައެއް ފަހަރު ލަސްވާކަން ގަބޫލުކުރައްވައި ކަމަށާއި އެހެން ދިމާވަނީ ދަރިވަރުން ފޮނުވާ މައުލޫމާތު ފުރިހަމަ ނުވާތީ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ހައިދަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ކުރެއްވި ސުވާލަކަށް ލިޔުމަކުން ޖަވާބު ދެއްވަމުންނެވެ.
އެގޮތުން މެންބަރު އަޒާން ސުވާލު ކުރައްވާފައިވަނީ، ދަރިވަރުންގެ ލޯން ފައިސާ ލިބުން ލަސްވުމާއި ސިޓީތަކާއި އީމެއިލްތަކަށް ޖަވާބު ލިބުން ލަސްވާތީ އުފެދިފައިވާ ކަންބޮޑުވުންތަކާއި ދަރިވަރުންނަށް ދޫކުރަންޖެހޭ ސްޓެއިޕެންޑާއި ޓިއުޝަން ފީ ޖަމާކުރުން ލަސްވާކަމުގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން އެފަދައިން ކަންތައްވާ ސަބަބު ސާފުކޮށްދެއްވުމަށް އެދިއެވެ.
މެންބަރު އަޒާންގެ އެ ސުވާލަށް ފޮނުއްވި ޖަވާބުގައި މިނިސްޓަރ ވިދާޅުވެފައިވަނީ، ބައެއް ފަހަރު ފައިސާ ދޫކުރުން ލަސްވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަކު، އެހެން ދިމާވަނީ ދަރިވަރުންނާއި އެ ދަރިވަރުން ކިޔަވާ މަރުކަޒުތަކުން ދޫކުރަން ޖެހޭ ލިޔުންތައް ލިބުން ލަސްވުމާއި ފޮނުވާ މައުލޫމާތު ފުރިހަމަނުވުމުން ކަމަށެވެ.
އެގޮތުން، މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގެ ސްކޮލާޝިޕްތަކުގައި ރާއްޖޭން ބޭރަށް ފުރާ ދަރިވަރުން ފުރަން ވަގުތު އޮއްވައި ފައިސާގެ ކަންކަން ހަމަޖައްސަން މިނިސްޓްރީއަށް އެންގުމުން އެ ދަރިވަރަކަށް ދެ މަސް ދުވަހުގެ ސްޓައިޕެންޑާއި ކަނޑައެޅިފައިވާ އެހެން ފައިސާ ވެސް ޑޮލަރުން ދޫކުރާނެ ކަމަށެވެ.




