ސްޕެއިންގެ ދެ ވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ޓެނެރިފް އަށް ކުޅެމުންދިޔަ އުމުރުން 30 އަހަރުގެ ފޯވާޑް ޖީސޫސް ޑި މިގުއެލް، މެޗެއްގެ ތެރެއިން ލިބުނު ސީރިއަސް އަނިޔާތަކަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެއެވެ.
ޓެނެރިފް އާއި އެފްސީ އެންޑޯރާ މިދިޔަ ހޯމަ ދުވަހު ބައްދަލުކުރި މެޗުގައި، ޑި މިގުއެލް ބޯޅަ ހޯދަން މަސައްކަތްކުރަމުން ދަނިކޮށް، އޭރިއާ ބޭރަށް ނުކުތް އެންޑޯރާގެ ގޯލްކީޕަރު ޖީސޫސް އޮވޯނޯގެ ކަކުލުން ވަނީ އޭނާގެ މޭމަތީގައި ވަރަށް ބާރަށް ޖެހިފައެވެ.
އެއާ އެކު އޭނާ ދަނޑުމައްޗަށް ވެއްޓި ހަރަކާތް ހުއްޓުނެވެ. އެ ފައުލާ ގުޅިގެން ރެފްރީ ވަނީ ކީޕަރު އޮވޯނޯ އަށް ސީދާ ރަތް ކާޑެއް ދައްކައިފައެވެ.
މެޗުގެ އިތުރު ވަގުތުގެ 7 ވަނަ މިނިޓުގައި ހިނގި މި ހާދިސާއާ ގުޅިގެން، ދަނޑުމަތީގައި ފަސް މިނިޓަށް ވުރެ ގިނައިރު ވަންދެން މެޑިކަލް ޓީމުން އޭނާ އަށް ފަރުވާދިނެވެ. އަދި ހާލަތު އިތުރަށް ގޯސްވުމުގެ ސަބަބުން، 2-2 އިން އެއްވަރުވެފައި އޮތް އެ މެޗު އިތުރަށް ކުރިއަށް ނުގެންގޮސް ވަގުތުން ވަނީ ހުއްޓާލައިފައެވެ. އެމްބިއުލަންސްގައި ޑި މިގުއެލް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އޭނާ އަށް ކާޑިއަކް އެރެސްޓެއް ދިމާވި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުން އައީ އޭނާގެ މެއަށާއި ބޮލަށް ލިބުނު އަނިޔާތަކަށެވެ.
ޑި މިގުއެލް މަރުވިކަން ހިތާމައާ އެކު އިއުލާނުކުރަމުން ޓެނެރިފް ކްލަބުން ބުނީ، މި ހިތާމަވެރި ވަގުތުގައި ބުނާނެ ބަހެއް ނެތް ކަމަށާއި މިއީ އެ ކްލަބަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން، ޑި މިގުއެލްގެ އާއިލާ އާއި ޓީމުގެ ކުޅުންތެރިން އަދި ސަޕޯޓަރުންނާ އެކު ވާކަން ހާމަކުރުމުގެ ގޮތުން، ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އަންގާރަ ދުވަހު ކުޅެން ހަމަޖެހިފައި އޮތް ކޮޕާ ޑެލް ރޭ އާއި ކޮޕާ ޑެލާ ރެއިނާގެ ހުރިހާ މެޗުތަކެއް ފަސްކޮށްފައެވެ. އަދި ސްޕެއިންގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުން ޖަޕާނާ ދެކޮޅަށް ކުޅޭ މެޗުގެ ރަސްމީ ހަރަކާތްތައް ވެސް ވަނީ ކެންސަލްކޮށްފައެވެ. މީގެ އިތުރުން ޔުއެފާ އިން ވަނީ މި ހަފުތާގައި ކުޅޭ ޔޫރަޕްގެ ހުރިހާ މެޗެއް ފެށުމުގެ ކުރިން ސުކޫތެއް ގެނައުމަށް ނިންމައިފައެވެ.
މެޑްރިޑަށް އުފަން ޑި މިގުއެލް އޭނާގެ ޕްރޮފެޝަނަލް ކެރިއަރު 2015 ގައި ލެގަނޭސް އިން ފެށި ފަހުން ސްޕެއިންގެ ތަފާތު އަށް ކްލަބަކަށް ކުޅެފައިވެއެވެ. އޭނާ ޓެނެރިފްއާ ގުޅުނީ މިދިޔަ އަހަރު ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އެ ޓީމަށް ކުޅެދިން 29 މެޗުން އޭނާ ވަނީ 11 ލަނޑު ޖަހައިދީފަ އެވެ.




