އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ)އާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން އަދި ރާއްޖޭގެ ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ކުރެއްވި ދައުވާގެ އިބްތިދާއީ މަރުހަލާ މިއަދު ފެމެލީ ކޯޓުގައި ފަށައިފިއެވެ.
މެޑަމް ސާޖިދާ މަންދީގެ މައްޗަށް ދައުވާ ކޮށްފައި މިވަނީ އެމްޑީޕީން މާލޭގައި ބާއްވަމުންގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި، ދިވެހިރާއްޖޭގައި ވޭޕްކުރުން ރައީސުލްޖުމްހޫރިއްޔާ މަނާ ކުރެއްވީ އެމަނިކުފާނުގެ ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒު އެކަން ކުރަން ފެށުމުންކަމަށް ބުނެ ތުހުމަތު ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެންނެވެ. މަންދީ ކޮށްފައިވާ ތުހުމަތުތައް އެމްޑީޕީގެ ޗެއާރ ޕަރސަން ފައްޔާޒު އިސްމާއިލް ދިފާއު ކުރެއްވުމާ ގުޅިގެން ރައީސްގެ އަނބިކަނބަލުން ވަނީ ފައްޔާޒުއާއި އެމްޑީޕީއަށް ވެސް މި މައްސަލައިގައި ދައުވާ ކުރެއްވުމަށް ނިންމާފައެވެ.
މަންދީގެ އެވާހަކަތަށް ކުށްވެރިކުރައްވާ ރައީސްގެ އާއިލާގެ ފަރާތްޕުޅުން މިދިޔަ މާރިޗް މަހުގެ 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެޑަމް ސާޖިދާގެ ފަރާތްޕުޅުން ޤާނޫނީ ވަކީލު އާޒިމާ ޝަކޫރުވަނީ ބަޔާނެއް އިއްވަވާ ދެއްވާފައެވެ.
އެ ބަޔާނުގައި މެޑަމް ސާޖިދާ ވިދާޅުވެފައިވަނީ އުމައިރަކީ ދުވަހަކުވެސް ވޭޕް ބޭނުންކުރި ކުއްޖެއް ނޫން ކަމަށާއި ދުންފަތުގެ އިސްތިއުމާލުވެސް ކުރި ކުއްޖެއް ނޫން ކަމުގައެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކާ ގުޅޭގޮތުން އެފަދަ ހަގީގަތެއްނެތް ވާހަކަ ފަތުރާފައިވާތީ މަންދީއާއި އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް އަދި އެމްޑީޕީގެ މައްޗަށް މަދަނީ ޝަރީޢަތް ހިންގުމަށް ދައުވާ ކުރައްވާނެކަމަށް އެ ބަޔާނުގައި މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން މެޑަމް ސާޖިދާގެ ފަރާތްޕުޅުން އާޒިމާ މިމަހުގެ 16 ވަނަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަންދީ، ފައްޔާޒު އަދި އެމްޑީޕީއާ ދެކޮޅަށް ސިވިލް ކޯޓުގައާއި ފެމިލީ ކޯޓުގައި މައްސަލަތަކެއް ރެޖިސްޓަރ ކޮށްފައިވާ ކަމަށެވެ.
އެ މައްސަލަތަކަކީ:
1. ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައިއޮތުމުގެ ޙައްޤު ނިގުޅައިގެންފައިވާތީ ސިވިލް ކޯޓަށް :-
(ހ) މަރިޔަމް ޒުބައިރުގެ މައްޗަށް 1 މައްސަލަ
(ށ) ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އަދި އެ ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛު ފައްޔާޒު އިސްމާޢީލްގެ މައްޗަށް 1 މައްސަލަ
2. ޤާނޫނުއަސާސީ، ޤާނޫނު ނަންބަރު: 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކަމުގެ ޤާނޫނު) އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ އިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާތީ ފެމިލީ ކޯޓަށް :-
(ހ) މަރިޔަމް ޒުބައިރުގެ މައްޗަށް 1 މައްސަލަ
(ށ) ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އަދި އެ ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛް ފައްޔާޒު އިސްމާޢީލްގެ މައްޗަށް 1 މައްސަލަ
މި މައްސަލަތައް ހުށަހަޅިފައި މިވަނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަމުގެ ޙައްޤު، ސިޔާސީ ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ތެރެއިންވިޔަސް، ނިގުޅައި ނުގަނެވޭނޭކަން ކަށަވަރުކޮށް، އެކުދިންގެ ތަޢުލީމާއި މުސްތަޤްބަލު އަދި ނަފްސު، ގަނާ ކުރުމާއި ފުރައްސާރަކުރުމާއި އަދި ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށްކުރެވޭ މަސައްކަތްތަކުން ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި ކަމަށާއި މިއަދު އެ މަޤާމުގައި ތިއްބެވި މެޑަމް ސާޖިދާގެ ބޭފުޅުންނަށް ރައްކާތެރިކަން ހޯދުމަށް މަންމައެއްގެ ހައިސިއްޔަތުންނާއި މާދަމާ އެ މަޤާމުތަކުގައި ތިބެދާނޭ އެހެންކުދިންނަށް ރައްކާތެރިކަން ޔަޤީންވެފައި އޮތުމަކީ، ކޮންމެހެން ބޭނުންކަމެއްކަމުގައި އެކަމަނާ ދެކެވަޑައިގަންނަވާތީ ކަމުގައިވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.




