ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ގެ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ސަރުކާރު ކޯލިޝަނުން ވަކިވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިކަން ރައީސް ހާމަކުރެއްވީ، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާރު ސަރުކާރާއެކު އޮތީ ޕީއެންސީ އެކަނި ކަމަށެވެ. އެމްޑީއޭ ކޯލިޝަނުން ވަކިވެފައިވަނީ ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވުންތައް ބައެއް ކަންކަމުގައި އުފެދިގެން ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެ ހިޔާލު ތަފާތުވުންތަކަކީ ކޮބައިކަން ރައީސް ހާމައެއް ނުކުރައްވައެވެ.
އެމްޑީއޭ އާއި ޕީއެންސީ އާ ދެމެދު ކޯލިޝަން ހެދީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައެވެ. އެއީ އެމްޑީއޭ އިން އެމްޑީޕީ އާއެކު އޮތް ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެނެސް، ރައީސް މުއިއްޒުގެ ކެމްޕޭނަށް ތާއީދުކުރުމަށް ނިންމުމާ ގުޅިގެންނެވެ.
މިދިޔަ ފެބްރުއަރީ މަހު އެމްޑީއޭ އިން ވަނީ ދެ ޕާޓީގެ ދެމެދުގައި އެއްބަސްވެފައިވާ ކަންކަމަށް އިހުތިރާމު ނުކުރާނަމަ ކޯލިޝަނުން ވަކިވާނެ ކަމުގެ އިންޒާރު ދީފައެވެ.
ނަމަވެސް މި ވަގުތާ ހަމައަށްވެސް މި ކަމާ ގުޅޭގޮތުން އެމްޑީއޭ އިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.



