އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު، 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ރާއްޖޭގައި ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫއުގައި ޔޫއޭއީ، ސައުދީ އަރަބިއްޔާ އަދި އެހެނިހެން ގައުމުތަކުގެ ގިނަ ވިޔަފާރިވެރިން ބައިވެރިވެފައިވެއެވެ.

އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އިން ބުނީ މި މަޝްރޫއު ތަރައްގީކުރެވޭނީ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައި، ފަސް އަހަރުގެ މުއްދަތުގައި ކަމަށެވެ.
އަދި މި ތަނަކީ 6،500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ އަދި ދުވާލަކު 35،000 މީހުން ޒިޔާރަތްކުރާނެ ތަނެއް ކަމަށް އެކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ހަދާ ތަންތަނުގެ ތެރޭގައި، ބައިނަލްއަގުވާމީ އޮފީސްތަކަށް ހާއްސަ ތިން އޮފީސް ޓަވަރު، މޫދު ކައިރީގައި ތަރައްގީކުރާ މަތީ ފެންވަރުގެ ގެތައް، ދުނިޔޭގެ ނަން މަޝްހޫރު ހޮޓާތައް، މަތީ ފަންތީގެ ފިހާރަތައް، އޯޝަނޮގްރަފިކް މިއުޒިއަމެއް، ދުނިޔޭގެ ފެންވަރުގެ ކުޅިވަރާ ބެހޭ ތަންތަން، ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތައް، މިސްކިތެއް، އިންޓަނޭޝަނަލް ސްކޫލެއް އަދި 3،500 މީހުންގެ ޖާގައިގެ ކޮންފަރެންސް ސެންޓަރެއް ހިމެނެއެވެ.
މިކަމަށްޓަކައި މިރޭ ބޭއްވުނު ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައިވަނީ އެމްއައިއެފްސީއަކީ މާދަމާގެ ދިވެހިރާއްޖެ އެކުލަވާލުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، މިއީ އައު އީޖާދުތަކުގެ ނަމޫނާއަކަށްވެ، ޤައުމީ ފަޚުރުވެރިކަމުގެ ނިޝާނަކަށް ވެގެންދާނެ ކަމެކެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫޢަކީ ފަތުރުވެރިކަމުގެ އިތުރުން އިޤްތިޞާދު ތަނަވަސްކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށާއި، މީގެ ސަބަބުން ދުނިޔޭގެ އެންމެ ރަނގަޅު ވިޔަފާރިތަކާއި އީޖާދީ ވިޔަފާރިވެރިން ރާއްޖެއަށް އަންނާނެއެވެ.
އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ސީއީއޯ ނަދީމް ހުސައިން ވިދާޅުވީ މި މާލީ މަރުކަޒުން އާ ބައިނަލްއަޤްވާމީ މިންގަނޑެއް ކަނޑައަޅައި، މަދުވެގެން 20 އަހަރަށް މާލީ އައު އީޖާދުތައް ކުރިއަރުވާނެ ކަމަށާއި، މިއީ ދުނިޔޭގެ އެހެން މާލީ މަރުކަޒުތަކުގެ މުސްތަޤުބަލަށް ގެނެވޭ އައު ކުރިއެރުމެއް ކަމަށެވެ.



