ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާއިން ގުޅިގެން ބާއްވާ އެކްސަސައިޒް ”ބްލެކް މަރލިން“ ގެ 5 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
އެކްސަސައިޒް ފެށުމުގެ ގޮތުން ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއެވެ.
މި ރަސްމިއްޔާތުގައި ޔޫއެސްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ، ހިއުގޯ ޔޮންއާގެ އިތުރުން ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖަރ ޖެނެރަލް ޕީޓަރ ރޮނެކް އަދި އެމްއެންޑީއެފްގެ ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޙަސަން ޝާހިދުގެ އިތުރުން ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއެންޑީއެފް އިން ބުނީ މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ތާވަލުކޮށްފައިވާ އެކްސަސައިޒް ”ބްލެކް މަރލިން“ ގެ މި އެޑިޝަންގައި ފަސް އެސްއެމްއީއީ ޕްރޮގްރާމް (ސަބްޖެކްޓް މެޓަރ އެކްސްޕަރޓް އެކްސްޗޭންޖް ޕްރޮގްރާމް) ކުރިއަށް ގެންދިއުމަށް ވަނީ ހަަމަޖެހިފައި ކަމަށެވެ.
އޭގެތެރޭގައި، އިންޓެލިޖަންސް، ލޮޖިސްޓިކް، މެޑިކަލް، އީއޯޑީ، އަދި އިންފެންޓްރީއާ ގުޅުންހުރި އެސްއެމްއީއީ ކުރިއަށްގެންދަން ވަނީ ނިންމާފައިކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.



