ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ވެރިކަމުގައި ސްކޫލު ކުދިންނަށް ތައާރަފްކުރި ”ނާސްތާ“ ޕްރޮގްރާމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށާއި މިހާރު ނާސްތާ ދޭ ދަރިވަރުންގެ އަދަދު 1،000 އަށް ވުރެ މަދު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަފީއު މިހެން ވިދާޅުވީ، ސްކޫލް ކުދިންގެ ނާސްތާ ޕްރޮގްރާމާ ގުޅޭގޮތުން މިއަދުގެ މަޖިލިސް ޖަލްސާގައި ވިލިމާލެ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
”ނަތީޖާއަކަށް ވެގެން މި ދިޔައީ، ތައުލީމާ ބެހޭ ގާނޫނު އައިއިރުގައި ގާނޫނުގައި މި ލިޔަނީ، ކޮންމެ ކުއްޖަކަށް ހެނދުނުގެ ނާސްތާ ދޭން ވާނެއޭ. މިހާރު ވެސް ގާނޫނުގައި އޮތީ އެހެން. އެހެން ނަމަވެސް އެ ގާނޫނަށް އެ ޕޮއިންޓު ލެއްވި ބޭފުޅުން އަދި މެނިފެސްޓޯގައި އެ ހިމެނުއްވި ބޭފުޅުން ފަހުން ނިންމެވީ ނޫނެކޭ، ބޭނުންވާ ކުއްޖަކަށޭ ދޭނީ،“ މިނިސްޓަރ ޝަފީއު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މިހާރު ނާސްތާ ދެނީ، ބޭނުންވާ ކުދިންނަށް ކަމަށާއި އެއަދަދު 200 އަށްވެސް ނާރާ ކަމަށެވެ. އަދި އެހާ މަދު އަދަދެއްގެ ކުދިންނަށް ދޭ ނާސްތާ ޕްރޮގްރާމަކީ ބޭނުންތެރިކަމެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



