މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,703,169 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1,758,659 ފަތުރުވެރިންނާ އަޅާބަލާއިރު %3 ގެ ދަށްވުމެކެވެ. ނަމަވެސް، މި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެގޮތުން އޮކްޓޫބަރު 1 އިން 17 އަށް 100,148 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި 99,268 ފަތުރުވެރިންނާ އަޅާބަލާއިރު %0.5 ގެ ކުރިއެރުމެކެވެ.
މި މަހުގެ ތެރޭގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، މިދިޔަ ހޮނިހިރު ދުވަހު ވަނީ ފާހަގަކޮށްލެވޭ ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެ ދުވަހު އެކަނިވެސް 8,621 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ މިދިޔަ ފެބުރުވަރީ މަހަށްފަހު އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ދުވަހެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5,998 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ފަސް ޤައުމަކީ:
- ޗައިނާ: 320,962 ފަތުރުވެރިން
- ރަޝިއާ: 242,491 ފަތުރުވެރިން
- އިނގިރޭސިވިލާތް: 126,789 ފަތުރުވެރިން
- ޖަރުމަނުވިލާތް: 110,184 ފަތުރުވެރިން
- އިޓަލީވިލާތް: 102,008 ފަތުރުވެރިން
މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ 2.5 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. ނަމަވެސް މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އައި ލޮޅުންތަކުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ވަނީ ފޯރާފައެވެ.
އެހެންނަމަވެސް، ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި، އަހަރުގެ ފަހު ކުއާޓަރުގައި ފަތުރުވެރިންގެ އަދަދުތައް އިތުރަށް ރަނގަޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.



