ރާއްޖޭގައި ވޭޕް ކުރުން މަނާ ކޮށްފައި ވަނިކޮށް ބަޔަކު ވޭޕް ކޮށްގެން، ގިނަ އަދަދެއްގެ ބަޔަކު ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފިއެވެ.
ވޭޕް ކުރުމުގެ މައްސަލަތަކުގެ ތަފާސް ހިސާބުތައް ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މިދިޔަ އޭޕްރިލް މަހުގެ 1 އިން 30 ގެ ނިޔަލަށް 39 މީހަކު 192،500 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ވޭޕް އެތެރެކުރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން ވަނީ މަނާކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން، ވޭޕް ބޭނުން ކުރުމާއި، ވިއްކުން އަދި ހިލޭ ބެހުންވެސް ވަނީ މަނާ ކޮށްފައެވެ. އަދި އެ ޤާނޫނާ ޚިލާފުވެއްޖެނަމަ ބޮޑެތި އަދަދުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ވޭޕުކުރުމާއި، އެ ވިއްކުމާއި، އޭގެ އެއްވެސް މުއާމަލާތެއް ކުރުމުން ޖޫރިމަނާ ކުރާ އަަދަދުތައް:
° ވޭޕް ބޭނުންކޮށްފިނަމަ: 5000 ރުފިޔާގެ ޖޫރިމަނާ
° ވޭޕް ވިއްކާ ކޮންމެ މީހަކު: 20،000 ރުފިޔާގެ ޖޫރިމަނާ
° ވިއްކާ ކޮންމެ ވޭޕަކަށް: 10،000 ރުފިޔާގެ ޖޫރިމަނާ
° ހިލޭ ވެސް ވޭޕެއް ދީފިނަމަ: 10،000 ރުފިޔާގެ ޖޫރިމަނާ
އެ ގާނޫނާ ޚިލާފުވާ މީހުން ޖޫރިމަނާކުރާއިރު އެ މީހެއްގެ ފޯނަށް ފޮނުވާ މެސެޖެއްގެ ޒަރިއްޔާއިން އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.



