މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ކޮތަޅުތަކަކުން، ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސިނގިރޭޓް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ”އެކްސް“ ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޮޑުރަސްގެފާނު މަގުން ފިލައިގެން ދާން އުޅުނު ޕިކަޕަކުން ކަޅު ކުލައިގެ ތިން ކޮތަޅު މަގުމައްޗަށް ދޫކޮށްލާފައި ދިއުމުން އެ ބެލި އިރު އޭގެ ތެރެއިން 221 ފޮށި ސިނގިރެޓް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީ ތިން ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ދުންފަތުގެ ބާވަތްތައް ލޭބަލްކުރުމުގެ ގަވައިދުގައިވާ ގޮތުން ރާއްޖެއަށް ސިނގިރޭޓު އެތެރެކުރެވޭނީ އޭގެ ނުރައްކާތެރިކަން އަންގައިދޭ ފޮޓޯ އާއި ލޭބަލް ޖަހައި އަދި އެ ތަކެތި ގެންނަން ބޭނުންވާ ހުއްދަ ނަގާފައިވާ ފަރާތްތަކަށް އެކަންޏެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރާއްޖޭގައި ވޭޕް މަނާ ކުރުމާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ އިތުރަށް ބޮޑުކުރުން ހިމެނެއެވެ. އަދި މިހާރު ދުންފަތް ކޮންޓްރޯލު ކުރުމަށްޓަކައި ”ޖެނެރޭޝަނަލް ބޭން“ ގެ ނަމުގައިވެސް ޤަވާއިދެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެ ޤަވާއިދު ތަންފީޒުވުމަށްފަހު، 1 ޖެނުއަރީ 2007 ގެ ފަހުން އުފަންވެފައިވާ މީހުން ދުންފަތް ގަތުމާއި ވިއްކުން މަނާވާނެއެވެ.



