ސުޕްރީމް ކޯޓުގެ ސަސްޕެންޑު ކޮށްފައިވާ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު، މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމާ ގުޅޭގޮތުން މިއަދަށް ތާވަލު ކުރި ކޮމިޓީ ބައްދަލުވުން ކެންސަލު ކޮށްފިއެވެ.
ފަނޑިޔާރު އަޒްމިރަލްދާއާއި މަހާޒްގެ މައްޗަށް ސާބިތުވާ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ އިއްޔެއެވެ. އެއީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައެވެ.
ޖޭއެސްސީން ފޮނުވި އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި އިއްޔެ ވަނީ ކޮމިޓީ މަރުހަލާ ފަށައިފަ އެވެ. ޖުޑިޝަރީ ކޮމިޓީން ނިންމާފައިވަނީ ޖޭއެސްސީން ފޮނުވި ރިޕޯޓް ދިރާސާކުރުމަށް ފަހު، އެއްވެސް ފަރާތެއް މަޖިލީހަށް ހާޒިރުކުރަން ފެންނަ ނަމަ އެކަން ކުރުމަށެވެ.
އެގޮތުން ޖޭއެސްސީން ހުށަހެޅި ރިޕޯޓު ދިރާސާކުރަން މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ބައްދަލުވުމެއް ބާއްވަން ފުރަތަމަ ތާވަލުކުރީ މިއަދު ހެނދުނު 11:00 އަށެވެ. ނަމަވެސް އެ ބައްދަލުވުން ފަހުން މެންދުރު 1:00 އަށް ބަދަލު ކުރިއެވެ.
ދެވަނަ ފަހަރަށް ތާވަލު ކުރުމަށްފަހު، ފަހުން މަޖިލިސް އިދާރާއިން އަންގާފައިވަނީ އެ ބައްދަލުވުން މިހާރު ކެންސަލް ކޮށްފައިވާ ކަމަށެވެ.




