މިދުވަސްކޮޅު މާލެއަށް ކުރަމުންދާ ވިއްސާރައިގައި، ރޭއްސުރެ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
އެމްއެންޑީއެފްއިން މިއަދު ހެނދުނު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެގޮތުން މިވަގުތު ފެން ހިންދުމަށްޓަކައި މާލޭގެ ދެ ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގައި ވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) މިމަހުގެ 5ވަނަ ދުވަހު ވަނީ ބުނެފައެވެ. އެގޮތުން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނިގޮތުގައި ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭ ދުވަސްވަރު ކަމަށްވާތީ، އުފެދިފައިވާ ވިއްސާރަ ވިލާތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކެކެވެ.



