މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ.) ގެ ޅިޔަނު މުޙައްމަދު މޫމިން (މޫޗް) އަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ޗެޓްލޮގްތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.
އެ ޗެޓްލޮގްތަކުން ފެންނަނީ، އިދިކޮޅު އެހެން ފަރާތަކަށް ނިސްބަތްވާ ކަމަށް ބެލެވޭ މީހަކާއެކު މޫޗް ދައްކާފައިވާ ކަމަަށް ބެލެވޭ ވާހަކަތަކެކެވެ.
އެ ޗެޓްލޮގްތަކުގައި މޫޗް ބުނެފައިވަނީ، ޒުވާނުން ކުރާ މުޒާހަރާގެ ތެރެއިން އޮންލައިންކޮށް މުޒާހަރާ ކުރާ މީހުންގެ ފަރާތުން މާބޮޑު އަސަރެއްނުކުރާ ކަމަށާއި މަގުތަކަށް ނިކުންނަން 300 އަށްވުރެ ގިނަ މީހުން ލިބެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެއީ ”ބޮޑު ބޮމެއް ވައްޓާލަން“ (ބޮޑު ކަންތައްގަނޑެއް ހިންގާލަން) ލިބޭނެ ރަނގަޅު ފުރުސަތެއް ކަމުގައިވެސް އޭނާގެ ވާހަކަތަކުގައި ފާހަގަ ކޮށްފައިވެއެވެ.
މީގެއިތުރުން ބައެއް ޒުވާނުންނާއި ކިޔަވާ ކުދިން، އެމީހުން ޕާޓީ ކޮށްފައިވާ ފޮޓޯފަދަ ތަކެތި ލީކުވެދާނެތީ ޖެހިލުންވެފައި ތިބި ކަމަށް ވެސް މޫޗް ބުނެފައިވެއެވެ. އަދި އެ ޒުވާނުންނަށް ފުލުހުންނާއި އެހެން ބައެއް ފަރާތްތަކުން ފާރަލާކަމަށާއި ސޯޝަލް މީޑިއާގައި ހަމަލާތަކެއް ދޭން ފަށައިފާނެކަމަށް އެމީހުންނަށް ހީވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މޫޗްއަށް ރައްދު ދެމުން، އޭނާއާ ވާހަކަ ދެއްކި މީހާ ބުނެފައިވަނީ އިރުކޮޅަކުން ”ފަޔާ“ އާއި ބައްދަލުކުރާނެ ކަމަށާއި އޭގެ ކުރިން ގުޅަން ބޭނުންވާ ކަމަށެވެ. ބެލެވޭ ގޮތުގައި ”ފަޔާ“ އޭ ބުނެފައި އެވަނީ، އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއިލް އަށެވެ.
އެ ޗެޓްލޮގްގައި ފަހުން މޫޗް ބުނީ، ހުރިހާ ކަމެއް ހަމަޖެހިއްޖެނަމަ ޔުމްނު މެލޭޝިއާގައި ގިނަ ދުވަހު ބެހެއްޓިދާނެ ކަމަށެވެ.
”އޭނަަ ވާހަކަ ދައްކަނިކޮށް ވީޑިއޯއެއް ވެސް އަހަންނަށް ހެދިދާނެ، ތިކޮޅުން ބޭނުންވާ ގޮތަށް ވާހަކަ ދައްކުވާފަ. އޭނަ ދައްކާ ވާހަކަ ވެގެންދާނީ އިތުރަށް ޒުވާނުން މުޒާހަރާއަށް ނިކުންނަށް ޖޯޝުލިބޭނެ، ތިކޮޅުން ބޭނުންވާ ހަތިޔާރަކަށް“ މޫޗް ބުނެފައިވެއެވެ. އޭނަގެ މިވާހަކަތަށް ވަރަށް ބަރާބަރުކަމުގައި، އިދިކޮޅުން ވާހަކަ ދެއްކި މީހާ ބުނެފައިވެއެވެ.
އޭގެފަހުން އިދިކޮޅުގެ އެމީހާ ބުނެފައިވަނީ މިއީ ބޮޑު ގޭމެއް ކަމަށާއި މުޒާހަރާގެ ބައިވެރިން ދުވަހުން ދުވަހަށް މަދުވަމުންދާ ކަމަށެވެ. އަދި އިތުރަށް ހަފްތާއެއް ވަންދެންވެސް އެކަން ދެން ކުރިއަށް ގޮސްފާނެ ކަމަށް ހީނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
އޭގެ ޖަވާބުގައި މޫޗް ބުނެފައިވަނީ، މުޒާހަރާ ކުރިއަށްގެންދާނެ ގޮތަކާމެދު ވަރަށް ގިނަ ޒުވާނުން އޭނާގެ ހިޔާލަކަށް އަހަމުންދާ ކަމަށާއި، އެމީހުންނަށް ދެން ކަންތައް ކުރަންވީ ގޮތް ވެސް ކިޔައިދީފައިވާނެ ކަމަށެވެ. އަދި އިދިކޮޅު މީހާ މޫޗްެއަށް ދޭން ބުނި ފައިސާތައް ދޭނެ ގޮތަކާމެދު ވިސްނައި އެކަން ހަމަޖެއްސުމަށާއި، ޔުމްނު އާއި މޫޗްއަށް ދޭން އެއްބަސްވި އަދަދަށްވުރެ ދޭނެ ފައިސާގެ އަދަދު މަދުވެގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
”އެ ވީޑިއޯއާ އެކީ މިކަން ބޭނުން ގޮތަކަށް އަނބުރާލަން ފަސޭހަވާނެ. މުޒާހަރާގެ ބައިވެރިން އަނބުރާ ހޯދޭނީ ހަމައެކަނި މިހެން. ފައިސާ ހަމަޖައްސައިދީފިނަމަ ހެނދުނުވެސް ވީޑިއޯ ލިބޭގޮތް ހަދާފާނަން“ މޫޗް ބުނެފައިވެއެވެ.
މި ޗެޓްލޮގްތަކުގެ އަސްލު ކަށަވަރު ކުރެވިފައި ނުވިނަމަވެސް، މިއީ މޫޗްގެ ނަންބަރެއް ކަމަށް އޭނާވަނީ އެއްބަސްވެފައެވެ. މިކަމާ ގުޅޭގޮތުން ”ސައުވީސް“ އިން ”އެކްސް“ މެދުވެރިކޮށް މޫޗްއާ ސުވާލު ކުރުމުން، އޭނާގެ ޖަވާބެއް އަދި ލިބިފައެއް ނުވެއެވެ.
ޔުމްނުގެ ބޭސްފަރުވާއަށް ގިނަ މީހުން ހަދިޔާކުރި ފައިސާއަށް ވެސް މޫޗްއާއި އެ އާއިލާއިން ނާޖާއިޒް ފައިދާ ނަގާކަމުގެ ތުހުމަތުތަކާއި، ބޭނުންވާ އަދަދަށްވުރެ އިތުރަށް ފައިސާ ހޯދާފައިވާ ކަމުގެ ތުހުމަތުތަކެއް ވެސް ވަނީ އުފުލިފައެވެ. އަދި ޔުމްނުގެ ބޭސްފަރުވާއަށް ދިޔަ ޚަރަދުތަކުގެ ތަފްސީލު ހާމަކުރުމަށް ވެސް ގިނަ ބަޔަކު ގޮވާލާފައިވެއެވެ.




