އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެމާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތްލައްވާށިއެވެ. އާމީން!
މިއަދުގެ ހުކުރު ޚުތުބާގައި އެންމެ ފުރަތަމަވެސް ހަނދުމަކޮށްދެއްވާފައި ވަނީ، ތަޤްވާވެރީންނަކީ، މާތް الله ހަނދުމަކުރާމީހުން ކަމުގައެވެ.
މާތް اللهގެ ޙަޟުރަތަށް އެންމެހައި މީސްތަކުން ރުޖޫޢަކުރެއްވޭނޭ ދުވަހަށް، ރައްކާތެރިވެ ބިރުވެތިވެވޭނީ، މާތް اللهއަށް ފުރިހަމަ ގޮތުގައި އީމާންވެ، އެކަލާނގެ ހަނދުމަކޮށްގެންނެވެ. ސުވަރުގޭގެ މަތިވެރި ޘަވާބަށް އުންމީދުކޮށް، ނަރަކައިގެ ވޭންދެނިވި ޢަޛާބުގެ މަތީން ހަނދާންކޮށްގެންނެވެ. މި ކަންކަން އެކަކު އަނެކަކަށް ހަނދާންކޮށްދީ، ވަޢުޡާއި ނަސޭހަތް ލިބިގަނެގެންނެވެ.
މާތް الله ހަނދުކުރުމަށް އަމުރުކުރައްވައި، އެކަލާނގެ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.
”ފަހެ، ތިޔަބައިމީހުން ތިމަން الله ހަނދުމަކުރާށެވެ! އޭރުން ތިމަން الله، ތިޔަބައިމީހުން ހަނދުމަކުރައްވާހުށީމެވެ! އަދި ތިޔަބައިމީހުން ތިމަން اللهއަށް ޝުކުރުވެރިވާށެވެ! އަދި ތިމަން اللهއަށް ތިޔަބައި މީހުން ކާފިރު ނުވާށެވެ!“
މާތް الله ހަނދުމަކުރުމުގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރި ޢަމަލަކީ ނަމާދު قائمކުރުމެވެ. مُوسَى عَلَيْهِ السَّلَام، طُوَىއޭ ކިޔުނު مُقَدَّس ވާދީގައި ހުންނަވަނިކޮށް، މާތް الله އެ ކަލޭގެފާނަށް ބަސް ވަޙީކުރައްވައި، الله ހަނދުމަކުރެއްވުމަށް ޓަކައި، ނަމާދު ޤާއިމުކުރެއްވުމަށް އެންގެވިއެވެ. މާތް الله ވަޙީކުރައްވައިފައިވާ އެހެން އާޔަތެއްގެ މާނައިގައި ވެއެވެ.
”ހަމަކަށަވަރުން، ތިމަން ރަސްކަލާނގެއީ الله އެވެ. ތިމަންރަސްކަލާނގެ މެނުވީ، ޙައްޤުވެގެން އަޅުކަންވެވޭ إلَـٰهއަކު ނުވެއެވެ. ފަހެ، ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަންކުރައްވާށެވެ! އަދި ތިމަން ރަސްކަލާނގެ ހަނދުމަކުރެއްވުމަށް ޓަކައި، ނަމާދު ޤާއިމުކުރައްވާށެވެ!“
މާތް اللهއަށް އީމާންވުމަށް ފަހު، އެކަލާނގެ މުސްލިމުންނަށް އެންމެ ފުރަތަމަ ވާޖިބުކުރެއްވި އަޅުކަމަކީ ނަމާދެވެ. މި އުންމަތަށް ނަމާދު ފަރުޟުކުރެއްވުނީ، ކީރިތި ނަބިއްޔާ محمد ޒ އާއިގެން مِعْرَاجُ ކުރެއްވުނު ރޭ، މެދުވެރިޔަކު ނެތި، ސީދާ އެ ކަލޭގެފާނަށް މާތް الله ބަސް ވަޙީކުރައްވައިގެންނެވެ. އަޅާގެ ޢަމަލުތަކުގެ ތެރެއިން، ޤިޔާމަތް ދުވަހު، އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ މެދުގައެވެ. ނަމާދު ޤާއިމުކުރުމަކީ މަރު އަމާންވާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކަށްވަޅުގެ އެކަނިވެރިކަމުންނާއި، ޢަޛާބުން ސަލާމަތްވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ޤިޔާމަތް ދުވަހުގެ ނާމާންކަމާއި ބިރުވެރިކަމުން ސަލާމަތްވުމުގެ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މާތް الله ހަނދުމަކުރުމުން އެއްކިބާވެ، ކީރިތި ޤުރްއާނަށާއި، ކީރިތި ރަސޫލާ ޒގެ ސުންނަތަށް ފުރަގަސްދީފި މީހަކީ، ދުނިޔެއާއި އާޚިރަތުގައި ގެއްލެނިވެގެންވާ މީހެކެވެ.
މާތް اﷲ ހަނދުމަކުރުމާއި، ނަމާދު ޤާއިމުކުރުމާއި، ހެޔޮ ޢަމަލުތަކަށް ހުރަސްއަޅާ ކަންތައްތަކަކީ، ހަވާނަފުސުގެ އެދުންތަކާއި، މުންކަރާތްތަކާއި، ފާޙިޝު ޢަމަލުތަކެވެ. ޒިނޭކުރުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، މަސްތުވާ ތަކެތި ބޭނުންކުރުމާއި، ޖުވާކުޅުން ފަދަ ފާޙިޝު ޢަމަލުތަކެވެ. މި ޢަމަލުތަކަކީ ޝައިޠާނާ އިންސާނާ މަގުފުރައްދައި، ނަރަކައިގެ އަހުލުވެރިއަކަށް ހެދުމަށް ޓަކައި، ނުހަނު ޒީނަތްތެރިކޮށް، އޭނާއާ ކުރިމަތިކުރުވާ ކަންތައްތަކެވެ.




