މި ހިނގާ 2025 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ރާއްޖެއިން 34 މިލިޔަން ޑޮލަރުގެ މަސް އެކްސްޕޯޓްކޮށްފައިވާކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.
ރާއްޖެއިން އެހެން ޤައުމުތަކަށް އެކްސްޕޯޓުކުރާ ބާވަތްތަކުގެ ތެރޭގައި ގިނައީ މަހުގެ ބާވަތްތަކެވެ.
އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓު ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެއިން 34.3 މިލިޔަން ޑޮލަރުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 28.1 މިލިޔަން ޑޮލަރުގެ މަހުގެ ބާވަތެކެވެ. އެހެންކަމުން މަސް އެކްސްޕޯޓްކުރި މިންވަރަށް 6.2 މިލިޔަން ޑޮލަރު ވަނީ އިތުރުވެފައެވެ.
ރިޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ 3 މަސްދުވަހާއި އަޅާބަލާއިރު މައިގަނޑު ހުރިހައި މަހުގެ ބާވަތްތަކެއްގެ އެކްސްޕޯޓް ވަނީ އިތުރުވެފައެވެ. މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެއިން 21،599 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 14،259 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %51 އިތުރުވުމެކެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖެއިން 19،674 މެޓްރިކް ޓަނުގެ ފިނިކުރި މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 11،939 މެޓްރިކް ޓަނާއި އަޅާ ބަލާއިރު %64.9 އިތުރު އަދަދެކެވެ.



