މުޅި ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތު ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެކަށައެޅުމަށް ޚާއްސަ ސަމިޓެއް ބޭއްވުމަށް ނިންމައިފިއެވެ. މިސަމިޓު އޮންނާނީ މިރެއިން ފެށިގެން މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް ބާސެލޯ ނަސަންދުރާގައެވެ.
ދިވެހިރާއްޖެ 2.0 ގެ ނަން ދެވިފައިވާ މި ސަމިޓަކީ ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށްވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސް މުޢިއްޒު ކަނޑައަޅުއްވާފައިވާ ތަސައްވުރެވެ.
މިއީ ދައުލަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު މައުލޫމާތާއި ދޭ ޚިދުމަތްތައް ހަލުވިކަމާއި އިތުބާރާއެކު ފޯރުކޮށްދީ، އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ޚިދުމަތް ދެމުންދާ ނިޒާމު ބަދަލުކުރަށް ކަނޑައަޅުއްވާފައިވާ ތަސައްވުރެކެވެ.
ޑިޖިޓަލް ވަޞީލަތްތަކުން ރާއްޖެއަށް ގެންނަން އުޅޭ ބަދަލު ބައްޓަންކޮށް، ފަރުމާކޮށްފައިވަނީ ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައި ރައްޔިތުންގެ ބައިވެރިވުމާއެކު، ދެފުށް ފެންނަ ހާމަކަން ބޮޑުގޮތެއްގައި މުއައްސަސާތައް ޖަވާބުދާރީ ކުރުވައި ޒިންމާދާރުކުރެވޭނެ ގޮތަށެވެ.
ދިވެހިރާއްޖެ 2.0 ގެ ތަސައްވުރަށް އަމަލީ ސިފަ ގެނައުމަށްޓަކައި މައިގަނޑު 6 އަސާސެއް ކަނޑައަޅާފައިވެއެވެ. މިއަސާސްތަކުގެ ތެރޭގައި ފަރުމާކުރެވޭ ކޮންމެ ޚިދުމަތަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދެވޭގޮތަށް ފަރުމާކުރެވޭ ޚިދުމަތަކަށް ހެދުމާއި، މުޖްތަމަޢުގެ ކޮންމެ ފަރުދަކަށްވެސް އެ ޚިދުމަތް ބޭނުން ކުރެވޭ ފަދަ ޚިދުމަތެއްގެ ގޮތުގައި ފަރުމާކުރުން ހިމެނެއެވެ. އަދި މިއިން ކޮންމެ ޚިދުމަތަކީވެސް ރައްކާތެރިކަން ކަށަވަރުކުރެވޭ، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ފަރުމާކުރެވޭ ޚިދުމަތަކަށް ވާން ޖެހެއެވެ.
މިއަސާސްތަކަކީ ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައި ރައްޔިތުންގެ ބައިވެރިވުމާއެކު، ދެފުށް ފެންނަ ހާމަކަން ބޮޑުގޮތެއްގައި މުއައްސަސާތައް ޖަވާބުދާރީ ކުރުވައި ޒިންމާދާރުކުރެވޭނެ ގޮތަށް ކަނޑައަޅާފައިވާ އަސާސްތަކެކެވެ.



