މ. މުލީގައި ހެދި އެއާޕޯޓަށް މިމަހުގެ 17ގައި މޯލްޑިވިއަންގެ ދަތުރުތައް ފަށަން އެ އެއާލައިނުން ނިންމައިފިއެވެ.
ޤައުމީ އެއާލައިން މޯލްޑިވިއަނުން އާންމުކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން މުލި އެއާޕޯޓުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 1،377 ރުފިޔާއެވެ. މާލެއާއި މުއްޔާ ދެމެދު ކޮޅަކަށް ހޭދަވާނީ 35 މިނިޓެވެ.
މޯލްޑިވިއަން އިން އަދި ނިންމާފައިވަނީ މުލި އެއާޕޯޓަށް ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ދަތުރެއް ބާއްވާށެވެ. އެގޮތުން މާލެ އިން ފުރާނީ ކޮންމެ ހޮނިހިރު ދުވަހެއްގެ މެންދުރުފަހު 3:30 ގައެވެ. އަދި މުލިން މާލެ އަަންނަ ފްލައިޓް ފުރާނީ ހަވީރު 4:45 ގައެވެ.
މޯލްޑިވިއަނުން މިހާރު ވަނީ މ. އަތޮޅުގައި ރީޖަނަލް އެއާޕޯޓްސް އިން އޮޕަރޭޓްކުރާ އަދި މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓުގެ ދަތުރުތަކުގެ ބުކިން އަށް ހުޅުވާލައިފަ އެވެ.
މުލި އެއާޕޯޓު މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި 1،812 މީޓަރު ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި 1،200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހަދާފައިވެ އެވެ. އެ މަޝްރޫއަށް 225 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.


