މިއަހަރުގެ އޯލެވެލް އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން 5 މާއްދާއިން ފާސްނުވިނަމަވެސް ޖާގަ އޮތް މިންވަރަކުން މަތީ ސާނަވީ ނުވަތަ އޭ ލެވެލްއަށް ކިޔެވުމުގެ ފުރުސަތު ވީހާވެސް ގިނަ ދަރިވަރުންނަށް ދޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ޓީވީއެމްއިން މިއަދު ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ޝަފީޢު ވިދާޅުވީ މިވީ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ މަތީ ސާނަވީ ތަޢުލީމް ފުޅާކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. އަދި މިހާތަނަށް އައިރު މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ދެމުން އައިސްފައިވަނީ 5 މާއްދާއިން ފާސްވާ ދަރިވަރުންނަށް އެކަނިކަން ވަޒިރު ފާހަގަކުރެއްވިއެވެ. އެއާއެކު އޯލެވެލް އިމްތިހާނުގައި ބައެއް މާއްދާތަކުން އެންމެ މަތިން ފާސްވިނަމަވެސް ބައެއް ކުދިން މަތީ ސާނަވީއަށް ނުކިޔެވި ބާކީވާކަން މިނިސްޓަރ ފާހަގަކުރެއްވުއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ބައެއް ތަފާސްހިސާބުތައް ފާހަގަކުރައްވާ ވިދާޅުވީ، އޯލަވެލް އިމްތިހާނެއްގައި 6000 އެއް ދަރިވަރުން ބައިވެރިވެއްޖެނަމަ 5 މާއްދާއިން ފާސްވާ ނިސްބަތް ހުންނަނީ %50 އިންސައްތައިގައިކަން ފާހަގަކުރައްވާފައެވެ.
”މިކުދިންނަަކީ 16 އަހަރުގެ ކުދިން. ޤާނޫނުގައި މި ބުނާ ކުޑަކުދިންގެ އުމުރުފުރާއަކީ 18 އަހަރު. އެހެންވީމަ މި 16 އަހަރުގެ ކުދިން 5 މާއްދާއިން 50 އިންސައްތަ ފާސްވެފައި ބާކީ ތިބި 3000 ދަރިވަރުން 5 މާއްދާއިން ފާސްނުވާއިރުގައި ތަޢުލީމީ ނިޒާމް ޒަމާނުއްސުރެ ބައްޓަންކޮށްފައި މިއޮތީ އެއްކަލަ 3000 ކުދިން ބާކީ ކޮށްލެވޭ ފަދަ ގޮތަކަށް.“ މިނިސްޓަރ ޝަފީޢު ވިދާޅުވިއެވެ.




