ޑިޖިޓަލް ދާއިރާއިން ރާއްޖެއަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުމަށްޓަކައި ”ދިވެހިރާއްޖެ 2.0“ ސަމިޓު މިރޭ އިފްތިތާހުކޮށްފިއެވެ.
ދިވެހިރާއްޖެ 2.0 އިފްތިތާހު ކޮށްދެއްވީ، އެކަމަށްޓަކައި މިރޭ ބާސެލޯ ނަސަންދުރައިގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ދައުލަތުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލިސް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ދުނިޔޭގައި ޑިޖިޓަލް ދާއިރާ އިން ކުރިއަރާފައިވާ ގައުމުތަކާއި ރާއްޖޭގައި އެ ދާއިރާ އިން ތިއްބެވި ތަޖުރިބާކާރު ބޭފުޅުންގެ އެހީގައި އެ ސިޔާސަތު ތަންފީޒު ކުރުން މިރޭ ފެށުނީ ކަމަށެވެ.
މިނިސްޓަރ އިހުސާން ވިދާޅުވީ ރާއްޖެ ޑިޖިޓަލައިޒް ކުރާނެ ގޮތާ މެދު ފުޅާދާއިރާއެއްގައި އެ ސަމިޓުގައި ބަހުސްކޮށް، ހުރިހާ އިދާރާތަކުން އެއްބަސްވާ ކަންކަން ނިންމާނެ ކަމަށެވެ.
”ރާއްޖޭގެ ޑިޖިޓަލް ޓްރާންފޮމޭޝަން އެޖެންޑާއަށް އެއްބަސްވެވިގެންދާނެ (ސަމިޓުގައި) މާތް ﷲ އިރާދަކުރެއްވިއްޔާ ރައީސްގެ ޑިޖިޓަަލައިޒޭޝަން ސިޔާސަތު ތަންފީޒު ކުރުމުގެ އަމަަލީ މަސައްކަތް ބާރު ސްޕީޑުގައި ފެށިގެންދާނެ“ މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.
ރާއްޖެއަށް ޑިޖިޓަލް ޓްރާންސްފޯމޭޝަނެއް ގެނައުމަށް ކުރަމުންދާ އެ މަސައްކަތް ކުރިއަށް ގެންދާނީ ރައީސް މުއިއްޒު ޗެއާ ކުރައްވާ އަދި އެ ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ޑިޖިޓަލް ޓްރާންސްފޯމޭޝަން ކައުންސިލްގެ ދަށުންނެވެ.



