ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ސަންލޭންޑް ހޮޓެލްސްގެ ޑިރެކްޓަރު މުހައްމަދު ނަޒީރު ރޭގައި އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ނަޒީރު އަވަހާރަވީ އާލާސްކަންފުޅެއްގައި އުޅުއްވާތާ ގިނަ ދުވަސްތަކެއްވީ ފަހުން، އިނގިރޭސިވިލާތުގައި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ފަތުރުވެރިކަމުގެ ވިޔަފާރި ނަޒީރު ފައްޓަވާފައިވަނީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާ ފަށައިގަތް ދުވަސްވަރުގައެވެ. އޭނާ އެ މަސައްކަތް ފެއްޓެވީ، އާއިލީ ވިޔަފާރިއެއްގެ ގޮތުގައި ހިންގި ޓްރެވަލް އެޖެންސީއަކުންނެވެ.
އޭގެފަހުން 90ގެ އަހަރުތަކުގައި ފަތުރުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކުން ރިސޯޓު ތަރައްޤީ ކުރުމަށް ސަރުކާރުން ބީލަމަށް ހުޅުވާލުމުން، ބީލަން ކާމިޔާބު ކުރައްވައި މަކުނުދޫގެ ނަމުގައި ފުރަތަމަ ރިސޯޓު ނަޒީރު ހުޅުވިއެވެ.
ހިއްސާދާރެއްގެ ގޮތުގައި ނަޒީރު ހުންނަވާ ސަންލޭންޑް ހޮޓެލްސްއަކީ ލަގްޒަރީ ރިސޯޓު ބްރޭންޑެއް އުފެއްދި ފުރަތަމަ ދިވެހި ކުންފުންޏެވެ. އެއީ ދެ ރިސޯޓް މިހާރު ވެސް ހިންގާ ކޮކޯ ކަލެކްޝަން ބްރޭންޑެވެ.
ސަންލޭންޑް ނަޒީރު އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ފޮނުއްވި ތަޢުޒިޔާ މެސެޖުގައި ވިދާޅުވެފައިވަނީ އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެޒެންޓެޓިވް، އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކުރައްވާފައިވާ، މުޙައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) އަވަހާރަވުމުގެ ހިތާމަައިގައި އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް މުޙައްމަދު ނަޒީރު ލަހައްޓަވާށި. އާމީން!
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون



