މީހަކާމެދު ތުހުމަތެއް އުފުލޭއިރު، އަދި އެ ކަމުގައި ފިޔަވަޅެއް އަޅާއިރު، ތުހުމަތުވާ މީހާއަށް އޭނާގެ ބަސް އިއްވުމުގެ ފުރުސަތު ނުދޭނަމަ، އެއީ ގާނޫނުއަސާސީ ނެތުން ކަމުގައި ކުރީގެ ބަންޑާރަނައިބު، ދިޔާނާ ސައީދު ސިފަކުރައްވައިފިއެވެ.
ދިޔާނާ މިހެން ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ސަސްޕެންޑު ކޮށްފައިވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް މިހާރު ކުރިއަށްދާ މައްސަލައަށް އިޝާރަތް ކުރައްވަމުން، އަޒްމިރަލްދާގެ ދިފާޢުގައެވެ.
ކްރިމިނަލް ކޯޓުގެ ޣާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ފަނޑިޔާރު އަޒްމިރަލްދާއާއި މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ނިންމައިފައެވެ. އެ ކޯޓުގެ ފަނޑިޔާރުން ވަކިކުރެވެނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ކަމަށްވުމުން، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިހާރު ދަނީ އެ މައްސަލަ ދިރާސާކުރަމުންނެވެ.
އެ މައްސަލަ ޖޭއެސްސީން ތަހުގީގު ކުރި ގޮތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައިވާ އަޒްމިރަލްދާގެ އިތުރުން މަހާޒް ވަނީ، ދެ ބޭފުޅުންގެ ފަރާތުން ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ވަކީލާއެކު ކޮމިޓީއަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައެވެ. އެހެންނަމަވެސް އިއްޔެ ކޮމިޓީން ނިންމީ އެ ފުރުސަތު އަޒްމިރަލްދާއަށް ނުދިނުމަށެވެ.
މިކަމާ ގުޅޭގޮތުން ދިޔާނާ ރޭގައި ފޭސްބުކް މެދުވެރިކޮށް ވިދާޅުވީ، ވެސް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކީ އަދުލުވެރިކަމުގެ އެންމެ އިސް އެއް ހަމަ ކަމަށެވެ.
އަދި ގައުމުގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގައި އަމަލުކުރަންޖެހޭ ޚާއްސަ އިޖުރާއަތެއް އޮންނަކަން ވެސް ފާގަހަކުރެއްވިއެވެ. ދިޔާނާ ވިދާޅުވީ، ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކީ އެންމެ އާދައިގެ ވިސްނުމުން ބަލާއިރު ވެސް ތަބާވާން ޖެހޭ ހަމައެއް ކަމަށެވެ.



