ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުއާ ދެކޮޅަށް ހިންގާ ޝަރީއަތުގައި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒު ހެކިބަސް ދެއްވައިފިއެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި ބައްސާމްގެ މައްޗަށް ފުރަތަމަ އުފުލި ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، އެ އަޑުއެހުމުގައި އޮތީ، ދައުލަތުގެ ފަރާތުން ބައްސާމްއާ ދެކޮޅަށް ޖަވާޒުގެ ހެކި ބަސް ނެގުމެވެ.
މިއަދުގެ ޝަރީޢަތުގައި ޖަވާޒް ވިދާޅުވީ އެފްއޭއެމްއަށް ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް އަބަދުވެސް ހަރަކާތްތެރިވީ ބައްސާމް ކަމަށާއި އެކަން ބައްސާމްގެ ބެލުމުގެ ދަށުން ކުރަމުން ދިޔައީ އެސޯސިއޭޝަންގެ ފައިނޭންސް ޑިޕާޓްމަންޓުން ކަމަށެވެ.
މީގެއިތުރުން އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން ފައިސާ ލިބެމުން ދިޔައީ އެމެރިކާ ޑޮލަރުން ކަމަށާއި ދިވެހި ސަރުކާރުން ދޭ ފައިސާ ލިބެމުން ދިޔައީ ރުފިޔާއިންކަން ވެސް ޖަވާޒް ފާހަގަ ކުރެއްވިއެވެ.
އެގޮތުން ޑޮލަރުން ލިބޭ އާމްދަނީ، ރުފިޔާއަށް މާރުކުރާ ކަމަށާއި އެއީ އެފްއޭއެމުން ފައިސާގެ މުއާމަލާތްތައް ކުރަމުން ދިޔައީ ރުފިޔާއިން ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން މުވައްޒަފުންނަށް މުސާރަ އާއި އެހެން އިދާރީ ހަރަދުތައް ހަމަޖައްސަމުން ދިޔައީ ވެސް ރުފިޔާއިން ކަމަށް ޖަވާޒް ވިދާޅުވިއެވެ.
އެފްއޭއެމްގެ ފައިސާއަށް ބައްސާމް ޚިޔާނާތްތެރިވިކަމުގެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އޮތީ ޖަވާޒުގެ ހެކިބަސް ނެގުން އެކަންޏެވެ. ދެން އެ މައްސަލާގައި އަޑުއެހުމެއް އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.



