މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގު ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނުން އެ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރާތްކޮށް، މައުލޫމާތު އެއްކުރަން ފަށައިފިއެވެ.
މި ހާދިސާ ތަހުގީގު ކުރައްވަން ފަސް މެންބަރުނަ ހިމެނޭ ކޮމިޝަނެއް ރައީސް މުޢިއްޒު އުފެއްދެވީ މިދިޔަ މަހުގެ 28 ގައެވެ.
އެކޮމިޝަނުން މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ބުނީ މިއަދާ ހަމައަށް އެ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރާތްކޮށް، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ސާފުކުރަން ފަށާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ. ނަމަވެސް މައުލޫމާތު ނެގި ތަންތަނުގެ އަދަދާއި ނެގީ ކޮން ތަންތަނުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް މުއިއްޒު ހާއްސަ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ.
އެ މައްސަލާގައި ކޮމިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮމިޝަނުގެ ރައީސް، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެފައިވަނީ ވަރަށް އަވަހަށް ކޮމިޝަންގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.



