ސުޕްރީމް ކޯޓުގެ ސަސްޕެންޑް ކޮށްފައިވާ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީޖުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.
އަޒްމިރަލްދާ އާއި މަހާޒް ވަކިކުރުމަށް އެ ކޮމިޝަނުން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައެވެ.
މައްސަލާގައި ޖުޑީޝަރީ ކޮމިޓީން ފަހުން ސިއްރުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ނިންމީ މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީން ނިންމީ އިޖުރާއަތުތައް ފުރިހަމަ ކޮށްގެން ކަމަށާއި އެ މައްސަލައާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލާފައިވާ ރިޕޯޓު ރަނގަޅު ކަމަށެވެ.
އެހެންކަމުން އެ ދެ ފަނޑިޔާރުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން މިއަދު ނިންމައިފިއެވެ.
އަޒްމިރަލްދާ އާއި މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ ބަލަމުންނެވެ.
އެގޮތުން މި ދެ ފަނޑިޔާރުން ސަސްޕެންޑު ކޮށްފައިވަނީ ވެސް އޭސީސީން ޖޭއެސްސީއަށް ފޮނުވި ސިޓީއެއްގެ މައްޗަށް ބިނާކޮށެވެ.
ފަނޑިޔާރު އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް ވެސް ހުށަހަޅުއްވާފައެވެ. އެ މައްސަލަ އޭސީސީގައި ރަޖިސްޓްރީ ވެސް ކުރިއެވެ. އަދި ދޮގު މައުލޫމާތު ޝާމިލް ދެއްވި ކަމަށް ތުހުމަތުކޮށް ފުލުހަށް ވެސް މައްސަލަ ހުށަހެޅުއްވިއެވެ. ނަމަވެސް ފުލުހުން މައްސަލަ ބަލައެއް ނުގަތެވެ.




