އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ ބުރަ، އެންމެ ޝަރަފްވެރި އެއް ޒިންމާ ރެޔާއިދުވާލު އުފުލަމުންދާ އެއް ބަޔަކީ ހީވާގި ނަރުހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މިއަދަކީ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަސް ކަމުގައިވާތީ، ދުވަހުގެ ތަހުނިޔާ ހުރިހާ ނަރުހުންނަށް ފޮނުއްވަމުން އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.
”ނަރުސް“ މިނަމަކީ، އޯގާތެރިކަން، އަޅައިލުން، ހިތްވަރު، މުރާލިކަން، ހިނިތުންވުން ފަދަ މުހިންމު އަދި ރީތި އެތައް ސިފައެއް އެކުވެފައިވާ ޤަދަރުވެރި ނަމެއް ކަމުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
އެގޮތުން ނަރުހުންނަކީ، ޞިއްޙީ ޚިދުމަތުގެ ހިތް ކަމުގައިވެސް، ވިންދު ކަމުގައިވެސް، މައިބަދަ ކަމުގައިވެސް ސިފަކުރެވޭކަން ރައީސްގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ނަރުހުންނަކީ، ބަލިތަކާއި އުނދަގޫތަކާ ކުރިމަތިލާން ރުކުރުވައިލެވިފައިވާ އެންމެ ބިޔަ އިންސާނީ ލަޝްކަރު ކަމަށާއި މުޅި ޞިއްޙީ ނިޒާމުގެ އެއްބައި އަނެއްބަޔާއި ގުޅުވައިދޭ ބާރު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ކާމިޔާބުކަމާއެކު ބޭސްފަރުވާދޭ ތަނެއްގެ ލޮލަކީވެސް، ކަންފަތަކީވެސް، ދަރުމަވެރި އަތަކީވެސް ނަރުހުން. ބުއްދިވެރި ބަހެއްގައި ’އެކެއްގެ ފުރާނަ ސަލާމަތްކޮށްފިނަމަ ތިޔައީ ބަޠަލެއް ކަމުގައި، އަދި ސަތޭކަ މީހުންގެ ފުރާނަ ސަލާމަތްކޮށްފިނަމަ ތިޔައީ ނަރުހެއް ކަމުގައި‘ ބުނަނީ ނަރުހުންދޭ ވަފާތެރި އަގުހުރި ޚިދުމަތުގެ މަތިވެރިކަމަށްޓަކައި“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވަނީ ނަރުހުންގެ ދުވަހުގެ ތަހުނިޔާ އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުން ވެސް ފޮނުއްވާފައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރްޙަބާ ކިޔަނީ، އަދި ބަލި ފަސޭހަވެ އެނބުރި ދިއުމާއި ހަމަޔަށް ޚިދުމަތުގައި ދެމި ތިބެނީ މުރާލި ނަރުހުން ކަމަށާއި ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވުމުގައި، ހިނިތުންވުމާއެކު ނަރުހުން ކުރަނީ، މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް ކަމުގައެވެ.


