ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން ހިންގަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއްގައި، ނޫސްވެރިއަކަށް މަލާމާތްކޮށް ފުރައްސާރަ ކޮށްފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި، ޕީއެންއެފްގެ ޖަލްސާއެއްގައި އެ ޕާޓީގެ އިސްވެރިންތަކެއް ފުރައްސާރަ ކޮށްފައިވަނީ ސަންގު ޓީވީގެ ނޫސްވެރިއެއް ކަމަށްވާ ފާތިމަތު މަދާދާ އަށެވެ.
އެގޮތުން ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވާ އަހްމަދު މުޙައްމަދު ވަހީދު (ވައްޑެ) އެ ޖަލްސާގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ސަންގު ޓީވީގެ މަދާދާ ފިޔަވާ އެހެން ނޫސްވެރިންނަށް ”އޭނާ“ (ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު) އުޅުއްވަނީ ފިއްލަވައިގެން ކަމަށެވެ. އެހެން ބުނުމަށްފަހު ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު ހިމެނޭހެން، އެ ޖަލްސާގެ ކުރީ ސަފުގައި ތިބި އެންމެން މަލާމާތް ކުރާ ގޮތަށް ހޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.
އެއާއެކު ކުރީގެ ރައީސް ޔާމީން މައިކް ނަންނަގަވާފައި ސުވާލު ކުރައްވާފައިވަނީ، އެކަހަލަ ހުރިހާ ޖަލްސާތަކެއް ކަވަރު ކުރަން މަދާދާ ގެންދަވަނީތޯއާއި ”ރަށްރަށަށް ދަތުރު ކުރައްވާއިރު ގެންދަވާ ކުއްޖަކީ އެއީތޯ“ އެވެ. ވީޑިއޯއިން ރައީސް ޔާމީން ފެންނަން ނެތް ކަމުގައިވިޔަސް، އެއީ އެމަނިކުފާނުގެ އަޑުކަން ރަނގަޅަށް ފާހަގަވެގެން ދެއެވެ.
ރައީސް ޔާމީންގެ އެ ސުވާލަށް ޖަވާބު ދެމުން ”އާނ“ އެކޭ ބުނުމަށްފަހު ވައްޑެ ބުނެފައިވަނީ ރައީސް މުޢިއްޒު ޤަބޫލުފުޅު ކުރައްވާ ގޮތުގައި ނޫސްވެރިކަމުގެ ހުރިހާ ކަމެއް މަދާދާއާ ދިމާވުމުން ކަވަރުވީ ކަމުގައެވެ.
”މަ ދާ ތަނަކަށް މަދާދާ ދަނީ؟“ މަލާމާތް ކުރާފަދަ މޭރުމަކުން ރައީސް ޔަމީން އަނެއްކާވެސް ސުވާލު ކުރައްވާ އަޑާއި އޭގެ ފަހުން އެންމެންވެސް ހޭ މަންޒަރު ފެނެއެވެ.
އެއަށްފަހު މަދާދާއަށް ފުރައްސާރަ ކުރުމުގެ ގޮތުން ސުވާލެއް ކުރައްވާފައިވަނީ ޑރ. ޖަމީލެވެ. އެގޮތުން ”އެކުއްޖާގެ ޑްރެސް ކޯޑު (ޝެއިޚް) ލަތީފް އެޕްރޫވް ކުރައްވާފަތޯ ހުންނަވަނީ“ ޑރ. ޖަމީލު ސުވާލު ކުރައްވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
އޭގެ ޖަވާބުގައި ވައްޑެ ބުނެފައިވަނީ އެޕްރޫވް ކުރިހެން ހީނުވާ ކަމަށާއި އެހެންނަމަވެސް އެޕްރޫވް ނުކުރައްވާނަމަ ދާހުރިހާ ތަނަކަށް ”އެ ޑްރެސް ކޯޑުގައި“ ދާނީ ކިހިނެއްތޯ އޭނާ ހެމުން ސުވާލު ކުރެއެވެ.
”އެއީ ޚާއްސަ ކުއްޖެއްތޯ؟“ އަނެއްކާވެސް ރައީސް ޔާމީން ސުވާލު ކޮށްފައިވެއެވެ. އަދި އެންެމެން މަލާމާތް ކުރުމުގެ ގޮތުން ހޭން ފެށުމަށްފަހު ވައްޑެ ބުނެފައިވަނީ މަދާދާއަކީ ވަރަށް ޚާއްސަ ކުއްޖެއް ކަމަށާއި އޭނާއަށްޓަކައި ކެބިނެޓުގައި ޚާއްސަ ސްލޮޓެއް އިން ކަމަށެވެ. ނަމަވެސް ކުރީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާހެދި އެ ސްލޮޓުވެސް ގެއްލިދާނެހެން ހީވާ ކަމަށް ވެސް ވައްޑެ ބުނެފައިވެއެވެ.
ނޫސްވެރިންގެ މިނިވަންކަމާއި ޙައްޤުތަކާ ގުޅޭގޮތުން ވެސް އަޑުހަރުކޮށް މީގެކުރިން ވާހަކަ ދެއްކެވި މި ބޭފުޅުން މިފަދަ ގޮތަކަށް ނޫސްވެރިއަކަށް ފުރައްސާރަ ކުރުމުން، ގިނަ ބައެއްގެ ފާޑުކިޔުން އަނެއްކާވެސް ވަނީ ރައީސް ޔާމީނަށާއި ޕީއެންއެފްއަށް އަމާޒު ވެފައެވެ.



