ޚާއްސަ އެހީއަށް ބޭނުންވާ ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ފިޒިއޯ ކްލިނިކްގެ ދެ ތެރަޕިސްޓުން ހައްޔަރު ކޮށްފިއެވެ.
ހުޅުމާލޭގައި ހިނގަމުންދިޔަ ފިޒިއޯ ކްލިނިކް އެނެކްސްއަށް ތެރަޕީ ނަގަން ދިޔަ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް، މިމަހުގެ 5ވަނަ ދުވަހު، އެތަނުގެ ތެރަޕިސްޓަކު އަނިޔާކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
އެ ހާދިސާ ދައްކުވައިދޭ ސީސީޓީވީ ފުޓޭޖެއްވެސް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ ދައުރުވެފައެވެ. އަދި އެ މައްސަލަ މިމަހުގެ 10ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން އިއްޔެ ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން އިންޑިއާއަށް ނިސްބަތްވާ ދެ ރައްޔިތެއްކަމަށްވާ ރާޖޭޝްވަރީ ސިވަކުމާރް (24އ.) އާއި އީޝާ އެންޓޮނެޓް (24އ.) ކޯޓު އަމުރެއްގެ ދަށުން ރޭގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް އެމީހުން ބަންދު ކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފިޒިއޯ ކްލިނިކް އެނެކްސްގެ ދެ ތެރަޕިސްޓަކު އެތަނަށް ޚިދުމަތް ހޯދަން ދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލައިގައި، އެ ދެމީހުންވެސް ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށާއި އެކަން އެ ކްލިނިކްގެ މެނޭޖްމަންޓްގެ ސަމާލުކަމަށް އައުމާއެކު ވަގުތުން ފިޔަވަޅު އަޅާފައިވާނެ ކަމަށް ފިޒިއޯ ކްލިނިކުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާނެ ކަމަށާއި ސީސީޓީވީ ފުޓޭޖުވެސް ދީފައިވާނެ ކަމަށް ވެސް އެ ކްލިނިކުން ބުނެފައިވެއެވެ.
ފިޒިއޯ ކްލިނިކުން ބުނީ، ކުޑަކުދިންނަށް އަނިޔާކުރުންފަދަ މައްސަލަތައް އެތަނުން އެއްވެސް ވަރަކަށް ބަލައިނުގަންނާނެ ކަމަށާއި ފުލުހުންނަށް މިކަމުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.




