ސަންގު ޓީވީގެ ނޫސްވެރިއެއް ކަމަށްވާ ފާތިމަތު މަދާދާ އަށް ފުރައްސާރަ ކުރި މައްސަލާގައި މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މި މައްސަލަ ކުރިމަތިވެފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން ހިންގަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޖަލްސާއެއްގައި މަދާދާއަށް މަލާމާތްކޮށް ފުރައްސާރަ ކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިއުމާ ގުޅިގެންނެވެ.
މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށް ސިޔާސީ ޕްލެޓްފޯމްތަކާއި މީސްމީޑިއާގެ މަންސަތަކުގައި އެކި ބާވަތުގެ އިންޒާރު ދިނުމާއި ފުރައްސާރަކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކޮށް، ވަކި ޖިންސަކަށް އަމާޒުކޮށް ދެވޭ ފިނޑި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.
ކައުންސިލުން އިތުރަށް ބުނެފައިވާ ގޮތުގައި، ޒިންމާދާރު މަޤާމުތަކުގައި ތިބޭ ފަރާތްތަކުން ޑިމޮކްރަސީގެ ހަތަރުވަނަ ބާރަށް ގަނާކުރުމަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖޭގެ ވަނަ ދަށަށް ދިއުމަށް މަގުފަހިވެދާނެ ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.
އަދި ޚާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކާއި އެކި ބާވަތުގެ އަނިޔާ ތަހައްމަލުކުރަމުންދާ ފަރާތްތައް، ރީ-ވިކްޓިމައިޒްވާ ގޮތަށް ޚަބަރާއި، ފޮޓޯ، ވީޑިއޯ އަދި މައުލޫމާތު އާންމުކުރަމުންދާކަން ހިތާމައާއެކު ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، އެއްވުންތަކުގެ ކަވަރޭޖް ގެނައުމުގައި އާންމު އަޚްލާޤީ މިންގަނޑުތަކާ ޚިލާފަށް ކޮންޓެންޓް ގެނައުމާއި ދޮގު މައުލޫމާތު ފެތުރުމުގެ މައްސަލަތަކާއި، އިދާރާތަކުން މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިންނާއި މީޑިއާތަކުގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭކަންވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މީޑިއާ ކައުންސިލުން ބުނީ މިފަދަ ކަންކަމަކީ މީޑިއާގެ މިނިވަންކަމާއި ރައްޔިތުންގެ ހައްޤުތަކާ ގުޅިފައިވާ ހައްސާސް ކަންތައްތަކެއް ކަމަށެވެ. އަދި އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާއިރު ޒާތީ ތައައްސުބުން އެއްކިބާވެ، ޒިންމާދާރުކަމާއެކު އެ މިނިވަންކަމުގެ ބޭނުން ކުރުމަށެވެ.



