ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު އެވަނީ އެންމެ ފަހުގެ މަރުހަލާއަށް ގޮސްފައި ކަމަށް އެޑިއުކޭޝަން މިނިސްޓަރ އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެ އެވެ.
މިރޭ ކުރިއަށްދާ ވަޒީރުންގެ ”އަހާ ފޯރަމް“ ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަފީޢު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މި މުހިންމު ވައުދު ތަންފީޒުކުރުމަށް ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.
”އިރާދަކުރެއްވިއްޔާ މިހާރު އެންމެ ފަހު މަރުޙަލާއާ ހަމައަށް އެ މަސައްކަތް ވަނީ ގޮސްފައި. މިއަހަރުގެ ޑިސެމްބަރު މަހުގައި އެ މަސައްކަތް ނިމި، މިއަންނަ އަހަރުގައި ޖެނުއަރީ އިން ފެށިގެންދާނީ،“ މިނިސްޓަރު ޝަފީޢު ވިދާޅުވިއެވެ.
ޒަމާނުންސުރެ ރާއްޖޭގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީގައި ކަމަށްވިޔަސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ވިސްނަވާ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން އަހަރުގެ މެދު ތެރެއަށް ބަދަލުކުރައްވާފައެވެ.
އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވެފައިވަނިކޮށް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުއިއްޒު ވަނީ ވެރިކަމަށް އިންތިހާބުވެވަޑައިގެންފިނަމަ 2025 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ޖެނުއަރީ މަހު ފެށޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.



